30 Mar 2010, 10:05
10:00
އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ޝަރީއަތަށް ނުފޮނުވާ ހިނދަކު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިތުރު އެއްވެސް މަސައްކަތެއް ދެން ނުކުރާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮޑިޓަރ ޖެނަރަލް އިބްރާހިމް ނައީމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނެގުން އެއީ މިނިވަން މުއައްސަސާތަކަށާއި އަދުލު އިންސާފު ގާއިމްކޮށްދޭ ފަރާތްތަކަށް ގޮންޖެއްސެވުން ކަމަށެވެ. އަދި އެ ވޯޓާއި ގުޅިގެން ދެން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މަސައްކަތަކަށް ވާނީ އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާ ހުރިހާ ރިޕޯޓްތައް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލައި ޝަރީއަތަށް އެ މައްސަލަތައް ހުށަހެޅުން ކަމަށް މޫސަ ވިދާޅުވި އެވެ.
ރީކޯ މޫސަ އަދި ވިދާޅުވީ ކަންކަން ނިންމާ ނިޔާ ކަނޑައަޅާ ޝަރީއަތުގެ މަޖިލީހަކަށް ރައްޔިތުންގެ މަޖިލިސް ނަހަދާނެ ކަމަށެވެ. މިނިވަން މުއައްސަސާއެއްގެ ވެރިއެއް ކަމުގައިވިޔަސް އަދި ސަރުކާރުގެ ވަޒީރެއް ކަމުގައި ވިޔަސް ދެން މަޖިލީހުގައި އިތުބާރުނެތް ކަމުގެ ވޯޓަކަށް އެމްޑީޕީން ފުރުސަތު ނުދޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.