07 Jul 2014, 00:38
ރާއްޖެއިން ނުފެންނަ ވައްތަރުގެ އާދަޔާ ހިލާފު މަހެއް ގދ. ތިނަދޫ ބަޔަކު މިއަދު ބާނައިފި އެވެ.
ސަންއާ ވާހަކަދައްކަމުން މަސްބޭނި ދޯނިން ވާހަކަދެއްކި މީހަކު ބުނީ އެ މަސް ބާނާފައި ވަނީ މިއަދު ހަވީރު އެމީހުން ކަންނެއްޔަށް ގޮސް އުޅުމުގެ ތެރޭގައި ގދ. އެތެރެވަރިން ކަމަށެވެ.
އޭނާ ބުނީ އެ މަހަކީ ފްލައިން ފިޝް (ފުޅަނގި) ވައްތަރުގެ މަހެއް ކަމަށާއި އެ މަސް ބޭނީ 50 ވަރަކަށް މީޓަރު އަޑިން ކަމަށެވެ. އަދި މިހާރު އެ މަސް ގެންގުޅެނީ މަސްޓޭންކުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެމެން މިހާތަނަށް ދެކެފައިވާ ވައްތަރުގެ މަހެއް ނޫން އެއީ. ޑައިވިން ކުރާ ބަޔަކަށް ވެސް އެކަހަލަ މަހެއް ފެނިފައި ވާކަން އެނގިފައެއް ނުވޭ. އަހަރެމެން އެ މަސް ބޭނީ 50 ވަރަކަށް މީޓަރު އަޑިން. މިހާރު އަހަރުމެން އެ މަސް ގެންގުޅެނީ މަސްޓޭންކުގައި،" އޭނާ ބުންޏެވެ.
މަސްމަހާމެހީގެ ތަޖުރިބާކާރެއް ކަމަށްވާ ފިޝަރީޒް މިނިސްޓަރުގެ ނައިބް އަހްމަދު ހާފިޒު ވިދާޅުވީ އެއީ ފްލައިން ގާނާޑު ނަމަކަށް ކިޔާ މަހެއް ކަމަށާއި އެ މަސް ބޭނިކަމުގެ މައުލޫމާތު ތިނަދޫ މީހުން އޭނައާ ހިއްސާކުރުމުން އެކަމާ ބެހޭގޮތުން އިރުޝާދުތަކެއް ދީފައި ވާނެ ކަމަށެވެ.
ހާފިޒު ވިދާޅުވީ، ވަރަށް ފުން ހިސާބުގައި ދިރިއުޅޭ އެމަހަކީ އާދަޔާ ޚިލާފު ބޮޑު ފިޔަގަނޑެއް ލާފައި ހުންނަ މަހެއް ކަމަށާއި އެއީ ނުރައްކާތެރި މަހެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ފިޔަގަނޑެއްގެ ގޮތުގައި ފުޅާކޮށް ހުންނަނީ އެ މަހުގެ ކަންފަތް ކަމަށެވެ.
އެއީ އިންޑިއާ ކަނޑުގައި އުޅޭ މަހެއް ކަމަށާއި އަޑީގައި ދާ ޖަހައިގެން ކުރާ ޓްރޯލް މަސްވެރިކަމުގައި އާންމުކޮށް އެވައްތަރުގެ މަސް ހިފައި އުޅޭ ކަމަށް ވެސް ހާފިޒު ވިދާޅުވި އެވެ. އަދި ވަރަށް މަދުން އެކަހަލަ މަސް ފިޝަރީޒް މިނިސްޓްރީގައި ރެކޯޑުކުރެވިފައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.