06 Jul 2014, 22:00
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކޮލަމްބިއާ އާއި ބްރެޒިލް ބައްދަލުކުރި މެޗުގައި ރެފްރީއަކު ނެތް ކަމަށް ބުނެ، ކުރިއަށް ހުރި މެޗުތަކުގައި ރެފްރީކަން ކުރާނެ މީހަކު ނެތް ނަމަ،، ކޮންމެ ވެސް މީހަކު ރެފްރީއަކު ހޯދައި ދިނުމަށް، އަނިޔާގެ ސަބަބުން ކޮލަމްބިއާގެ ވޯލްޑް ކަޕުގެ ސްކޮޑުގައި ހިމަނާފައި ނުވާ އެ ޓީމުގެ ތަރި ރަޑަމެލް ފަލްކާއޯ ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ކޮލަމްބިއާ އަތުން 2-1 ލަނޑުން މޮޅުވެ، ސެމީ ފައިނަލުގެ ޖާގައެއް ބްރެޒިލް ހޯދި މެޗުގެ ސްޕެނިޝް ރެފްރީ ވެލަސްކޯ ކާބަލޯ ކާޑުތަކާ ދުރުގައި ހުރުމުގެ ސަބަބުން މެޗުގައި ދެ ޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔައެވެ.
އެ މެޗުގައި ބްރެޒިލްގެ ތަރި ނޭމާއަށް ނުރައްކާތެރި ހަމަލާއެއް ދިނުމުގެ ސަބަބުން އޭނާއަށް އަނިޔާވުމުން ރެފްރީ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ އިރު، ކޮލަމްބިއާގެ ތަރި ޖޭމްސް ރޮޑްރިގޭޒަށް ދިން ހަމަލާތަކަށް ވެސް ރެފްރީ ދީފައި ވަނީ ބީރު ކަންފަތެކެވެ.
"ކުރިއަށް ހުރި މެޗުތަކުގައި ރެފްރީއެއް ނެތިއްޔާ ރެފްރީއަކަށް ގުޅަން ހަނދާން ކުރާތި. ކޮލަމްބިއާ އާއި ބްރެޒިލް ބައްދަލުކުރި މެޗުގައި ރެފްރީއެއް ނެތް،" ޖޭމްސް ރޮޑްރިގޭޒާ އެކު އޭއެސް މޮނާކޯއަށް ކުޅޭ ފަލްކާއޯގެ ޓްވިޓާ އެކައުންޓްގައި އޭނާ ލިޔެފައި ވެއެވެ.
އެ މެޗުގައި ކޮލަމްބިއާގެ ހުއާން ޒުނިގާގެ ނުރައްކާތެރި ހަމަލާއިން އުނަގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބްރެޒިލްގެ ނޭމާއަށް ވަނީ ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހިފައެވެ. ނޭމާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެ، ފަލްކާއޯ ވަނީ ވޯލްޑް ކަޕުގައި ނޭމާ ދެއްކި ކުޅުމަށް ތައުރީފްކޮށްފައެވެ.
ކުއާޓާ ފައިނަލުގައި ކޮލަމްބިއާ އަތުން މޮޅުވި ބްރެޒިލް ނުކުންނަން ޖެހޭނީ ޖަރުމަނާ ދެކޮޅަށެވެ. އަމިއްލަ ގައުމުގެ ބެލޯ ހޮރިޒޮންޓޭ ސިޓީގެ އެސްޓޭޑިއޯ މިނޭރާއޯގައި ކުޅޭ އެ މެޗަށް ބްރެޒިލް ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 1:00 ގައެވެ.