ސްރީ ލަންކާގައި ހަމަނުޖެހުން އުފައްދަނީ މުސްލިމް ޓެރިސްޓު ޖަމާއަތްތަކުން ކަމަށް ބުނެ މީޑީއާގައި ފަތުރަމުންދާ ވާހަކަތަކާ ބެހޭ ގޮތުން އިންޑިއާ ސަރުކާރުން ދެގޭ ގޮތަކީ ކޮބައިކަން ސާފުކޮށްދިނުމަށް "މުސްލިމް ކައުންސިލް އޮފް ސްރީ ލަންކާ"އިން ކޮލަމްބޯގައި ހުންނަ އިންޑީއާގެ ސަފީރުގެ އަރިހުގައި އެދިއްޖެ އެވެ.

ލަންކާގެ މުސްލިމް ކައުންސިލުން މިއަދު މީޑިއާ އަށް އާންމުކުރި ސިޓީއެއްގައި އެ ކައުންސިލްގެ ރައީސް އެންއެމް އަމީން ވިދާޅުވި ކަމަށް ކޮލަމްބޯ ގެޒެޓްގައި ބުނެފައި ވަނީ، ލަންކާގެ މުސްލިމުންނާ ދޭތެރޭގައި ނަފުރަތު އުފެދެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އެގައުމުގައި މުސްލިމް ޓެރަރިސްޓް ގްރޫޕްތައް އުޅޭތީ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އިންޑިއާ އާއި ލަންކާގެ މީޑިއާތަކުގައި ބުނެފައިވާ ކަމަށެވެ.

އިންޑިއަން ހައިކޮމިޝަނަރު ވައިކޭ ސިންހާ އަށް ފޮނުއްވި ސިޓީގައި އަމީން ގޮވާލައްވާފައި ވަނީ، އިންޑިއާ ސަރުކާރުން ދެކޭ ގޮތްކަމަށް ބުނެ ދެ ގައުމުގެ މީޑިއާގައި ފަތުރަމުން ގެންދާ އެފަދަ ވާހަކަތަކުގެ ސަބަބުން ލަންކާގައި ހަމަޖެހުމާއި އަމަނު ގާއިމުވުމުގެ ބަދަލުގައި އިތުރު ހަމަނުޖެހުންތަކަށް މަގު ފަހިވެގެންދާތީ އެކަމާ ދޭތެރޭގައި އިންޑިއާ ސަރުކާރު ދެކޭގޮތް ސާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ލަންކާގެ މުސްލިމް ކައުންސިލުން ބުނެފައި ވަނީ، އެގައުމުގެ މެއިންސްޓްރީމް މީޑިއާއާއި ސޯޝަލް މީޑިއާގައި، ލަންކާގެ މުސްލިމް ޖަމާއަތްތަކަކީ އިންޑިއާއާ ދެކޮޅަށް މަސައްކަތްކުރާ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި ސިފަކުރަމުން ގެންދާ ކަމަށެވެ.

ޗެންނާއީގައި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޖާސޫސުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ލަންކާގެ މުސްލިމެއް ކަމަށް ބުނާ މީހާއަކީ ވެސް ބަޔަކު ރާވައިގެން ލަންކާގެ މުސްލިމުން ބަދުނާމު ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް މުސްލިމް ކައުންސިލް އޮފް ސްރީ ލަންކާއިން ބުންޏެވެ.