ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ޕިލިޕްސް އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗްތަކުން ހައިޑްސް އާއި ލަޒާކާގޯ ޓީމް މޮޅުވެއްޖެ އެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތުގައި ފުރަތަމަ މެޗް މާޒިޔާއާއި ބައްދަލުކޮށް އަށް ވިކެޓުން ކާމިޔާބުކުރީ ހައިޑްސްގެ ޓީމެވެ. ދެވަނަ މެޗް ސަލްސާ ރޯޔަލްއާ ބައްދަލުކޮށް ލަޒާކާގޯ ކާމިޔާބުކުރީ ހަ ވިކެޓުންނެވެ.

މިއަދުގެ ފުރަތަމަ މެޗްގައި މާޒިޔާ ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 71 ލަނޑު ހެދިއެވެ. މެޗުގައި މާޒިޔާގެ އިސްމާއިލް ސުވެއިދު 20 ލަނޑު ހެދިއެވެ.

ޖަވާބުގައި ހައިޑްސް ކުޅެންއަރައި ފަސް އޯވަރުގެތެރޭގައި 76 ލަނޑު ހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ 25 ލަނޑުހެދި މުހަންމަދު ފައިސަލްއާއި 23 ލަނޑުހެދި ހިލްމީ އެވެ.

މިއަދުގެ ދެވަނަ މެޗް ޓޮސް ދިމާވުމުން ސަލްސާ ރޯޔަލް ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 105 ލަނޑު ހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑު ހެދި އަލީ ސުނާން އެވެ. ޖަވާބުގައި ލަޒާކާގޯ ކުޅެންއަރައި ދެކުޅުންތެރިން ނުބައިވެގެން ހަތް އޯވަރުގެތެރޭގައި 110 ލަނޑު ހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 33 ލަނޑުހެދި ހުސާމް އިބްރާހިމް އެވެ.

މި މުބާރާތުގައި މާދަމާގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ހެންގްއައުޓްއާއި އެމްކިން އެންޓަޕްރައިސަސް އެވެ. ދެވަނަ މެޗްގައި ބްރޫޗްއާއި ސޯފާޒްއެވެ. ކުޅުން ފަށާނީ ހަވީރު 4:15 ގައެވެ. ކުޅުން ކުރިއައް ގެންދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.