ކޮކާ ކޯލާ ވެޓަރެންސް ކަޕުގައި ދިިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަތުން 5-1 ލަނޑުން ފަސޭހަ ކަމާއެކު ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް މޮޅުވެއްޖެ އެވެ.

އެފްއޭއެމްގެ ލައިފްބޯއީ ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސޮކާ ވެޓެރަންސްއަށް ގޯލްތައް ކާމިޔާބު ކޮށްދިނީ ތިން ގޯލް ޖެހި އަލީ ޝަމީމް އާއި މުހައްމަދު ޒިއާދު އަދި މުހައްމަދު ނިޒާމެވެ. މެޗުގައި ޑީއެސްސީއަށް ގޯލް ޖަހައިދިނީ އަހުމަދު ޝާމިން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސޮކާ ވެޓެރަންސްއަށް ތިން ގޯލް ޖަހައިދިން އަލީ ޝަމީމެވެ.

މިއަދުގެ މެޗުން މޮޅުވުމުން ސޮކަވެޓެރަންސް އެސޯސިއޭޝަން އަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބި ގްރޫޕްގެ އެއްވަނަ މަގާމާއެކު މުބާރާތުގެ ދެވަނަ ބުރަށް ވެސް ދަތުރު ކޮށްފައެވެ. ދެ ވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އޮތީ ދިވެހި ސިފައިންގެ ކްލަބެެވެ. ތިން ވަނައިގައި ވެލެންސިޔާ އޮތްއިރު ހަތަރުވަނައިގައި އޮތީ އޭވައިއެލް އެވެ.

މުބާރާތުގައި މާދަމާ ހަވީރު 4:40ގައި ބައްދަލުކުރާ ދެޓީމަކީ އޭވައިއެލް އާއި ކުލަބް ވެލެންސިއާ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް އޭ ގައި އޮތީ އީގަލްސް އާއި ބީޖީގެ އިތުރުން މަހިބަދޫ އާއި ވިކްޓަރީ އެވެ. އަދި ގްރޫޕް ބީ ގައި އޮތީ އޭވައިއެލް އާއި ސޮކަވެޓެރަންސް އެސޯސިއޭޝަނާއި ދިވެހި ސިފައިންގެ ކްލަބްގެ އިތުރުން އެ މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިޔާ އެވެ.