06 Jul 2014, 21:11
ވެރިރަށް މާލޭގެ ދަތުރުވެރިންގެ މާރުކޭޓް ކުރިމަތީގައި ބަހައްޓާފައި ހުރި 600އަށްވުރެ ގިނަ ކުރުނބާ ޓޯޔާޑަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ބާޒާރުމަތީގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ކުރުނބާ، ފުލުހުން ޓޯޔާޑަށް ގެންދިޔައީ އެ ސަރަޙައްދުގައި ގަވާއިދާ ހިލާފަށް ކުރުނބާތައް ބަހައްޓާފައި ހުންނަތާ ގިނަ އިރުތަކެއް ވުމުން ކަމަށެވެ.
"ބާޒާރުމަތި ބެލެހެއްޓުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފުލުހުން އެފަދަ ތަކެތި ނަގަމުން ގެންދަނީ އެފަދަ ތަކެތި އެއްތަނެއްގައި ހުންނަތާ ގިނައިރުވެ މަގުމަތި ބޭނުންކުރާ ފަރާތްތަކަށް އެކަމުން ދަތިތައް ފޯރަން ފެށުމުން،" ފުލުހުން ބުންޏެވެ.
ރޯދަމަހާ ދިމާކޮށް މާލޭ ބާޒާރުމަތި ތަރުތީބުކޮށް އެސަރަޙައްދަކީ ގިނަބަޔަކަށް ފަސޭހައިން ބާޒާރުކޮށް ތަކެތި ގެންގޮސް ހެދޭ ހިސާބަކަށް ހެދުމަށް ފުލުހުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
"ބާޒާރުމަތީގައި މަގުމައްޗަށް ވާގޮތަށް ވިޔަފާރިކުރަން ތިބޭ ތިބުން ހުއްޓުވައި މަގު މެދަށާއި ޕޭމަންޓު މައްޗަށް ވާގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. މީގެ އިތުރުން ބާޒާރުމަތީގެ ޓްރެފިކް ކަންތައް ތަރުތީބުކޮށް އިންތިޒާމް ކުރުމުގައި ވެސް ފުލުހުން ދަނީ ޙަރަކާތްތެރިވަމުން" ފުލުހުން ބުންޏެވެ.
ކުރުނބާ ތަކެއް މިއަދު ފުލުހުން ޓޯޔާޑަށް ގެންގޮސްފައި ވާ އިރު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ބާޒާރު މަތީގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރިކަމަށް ބުނާ ކަރާތަކެއްވެސް ޓޯޔާޑަށް ގެންގޮސްފައެވެ.