މަގުމަތީ އަގު 480000 ރުފިޔާގެ މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން އަންހެނަކު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް މިދިޔަ މަހުގެ 20 ވަނަ ދުވަހު ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބި ތިން މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރީ މިއަދު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ 50 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ ފިރިހެނެއް ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅުގެ ފަސް ކޮތަޅާ އެކު އެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކޯޓް އަމުރެއްގެ ދަށުން މއ. ވާދޫގެ ބަލައި ފާސްކޮށެވެ.

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ކޮތަޅު ފެނިފައި ވަނީ އެ ހައްޔަރުކުރި އިރު ތިބި ތަނުން ކަމަށް ފުލުހުން ބުންޏެވެ.