ސްރީލަންކާގައި ދިވެއްސަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ނޫހަކުން ބުނެފި އެވެ.

ލަންކާގެ ޑެއިލީ މިރާ ނޫހުން މިއަދު ބުނީ 10 ގްރާމްގެ ހެރޮއިންއާ އެކު ހައްޔަރު ކުރި ދެ ބިދޭސީންގެ ތެރެއިން އެކަކީ ދިވެއްސެއް ކަމަށާއި އަނެކަކީ މެލޭޝިއާ މީހެއް ކަމަށެވެ. އަދި ބުނީ ހައްޔަރުކުރި ދިވެހި މީހާ ސްރީލަންކާ އަށް ގޮސް ހުރީ ސްޓޫޑެންޓް ވިސާގައި ކަމަށާއި މެލޭޝިއާ މީހާ ގޮސް ހުރީ ގަވައިދާ ހިލާފަށް ކަމަށެވެ.
އެ މީހުންގެ ނަމެއް އަދި ވަނަވަރެއް ހާމައެއް ނުކުރެ އެވެ.

ސްރީލަންކާ ފުލުހުންނާ ހަވާލާދީ ނޫހުން ބުނީ މައުންޓް ލެވޭނިއާގެ މެޖިސްޓްރޭޓް ކޯޓުން އެދެމީހުންގެ ބަންދުގެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ޖަހައިދީފައިވާ ކަމަށެވެ.