09 Jan 2011, 19:28
ލޯކަލް ގަވަމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައަޅާފައިނުވާތީ އައްޑޫ ސިޓީ ކައުންސިލް ހެދުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ނިންމި ނިމުމާމެެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ ކަމަށާާއި ދަށުކޯޓުގެ ހުކުމް މާދަމާ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.
ޑރ. ސަވާދު ވިދާޅުވީ މިއަދު ސިވިލް ކޯޓުން ނިންމެވި ނިންމެވުން ސަރުކާރުގެ ފަރާތުން ގަބޫލު ނުުރާ ކަމަށެވެ.
"ލަސްނުކޮށް މާދަމާ އަޅުގަނޑުމެން މި މައްސަލަ އިސްތިއުނާފު ކުރާނަން. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މި މައްސަލައިގެ ނިޔާ ކަނޑައެޅުއްވުމުގައި އަޅުގަނޑުމެން ފާހަގަކޮށްފައިވާ ނުކުތާތަކަށް ބައްލަވައިލައްވާފައެއް ނުވޭ،" ސަވާދު ވިދާޅުވި އެވެ.
~
ބަންޑާރަ ނައިބު ވިދާޅުވީ މި މައްސަލަގައި ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ގިނަ ނުކުތާކެއް ފާހަގަކޮށްފައިވާނެ ކަމަށާއި އެގޮތުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީއެއް ގާއިމު ވަނީ ސިޓީ ކައުންސިލެއް އުފެދިގެން ކަމާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ކޯރަމް ހަމަވަނީ ސިޓީ ކައުންސިލުން އަންނަ މެންބަރަކާ ލައިގެން ކަމަށް ފާހަގަ ކޮށްފައިވާނެ ކަމަށެވެ.
"ސިޓީ ކައުންސިލެއް ނޫފެދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީއެއް ނުފެދޭ. އެހެންވީމާ އަޅުގަނޑުމެން ފާހަގަކުރި ނުކުތާތަކަށް ރިއާޔަތް ކުރައްވާފައެއް ނުވޭ،" ޑރ. ސަވާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރުމަށްޓަކައި ބޭނުންވާ ރިޕޯޓް ހޯދުމަށް ސިވިލް ކޯޓުގައި މިހާރު އެދިފައިވާނެ ކަމަށެވެ.
ގައުމީ ޕާޓީގެ ޑިޕިއުޓީ ލިޑަރު އިމާދު ސޯލިހާއި ސ. ފޭދޫ ޑޭލައިޓް އަބްދުލް ހަކީމް އަހުމަދު ދީދީ ހުށަހެޅި މައްސަލަ ބެއްލެވުމަށް ފަހު ސިވިލް ކޯޓުގެ ގާޒީ ހާތިފު ހިލްމީ މިއަދު އިއްވެވި ހުކުމުގައި ބުނަނީ ސިޓީ ދަރަޖަ ދިނުމަށް ބަލާނެ ޝަރުތުތަކުގެ ތެރޭގައި އެ ސަރަހައްދެއްގެ އުފެއްދުންތެރިކަމުގެ ޖުމްލަ ނިސްބަތް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ކަނޑައަޅައި ޝާއިއުކޮށްފައިވާ މިންވަރަށް ވުރެ އިތުރުވުން ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އައްޑޫ ސިޓީއެއް އުފެއްދުމަށް ނިންމެވި ނިންމުމަކީ ބާތިލު ނިންމެވުމެއް ކަމަށެވެ.