06 Jul 2014, 16:14
ބްރެޒިލްގައި ކުރިއަށްދާ ވޯލްޑް ކަޕްގެ ރައިޓްސް ނެގިކަން ބްރޯޑްކާސްޓިން ކޮމިޝަނަށް ނާންގައި މެޗުތައް ދައްކާ ފަރާތްތަކާ ދޭތެރޭ ދެން އޮންނަ މެޗެއް ފެށުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ބްރޯޑް ކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް އުފައްދާފައިވާ ލޮބީ ގްރޫޕުން މިއަދު ބްރޯޑް ކާސްޓިން ކޮމިޝަނާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ލޮބީ ގްރޫޕް ތަމްސީލު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ޓީވީއެމްގެ ކުރީގެ ސީއީއޯ އަލީ ހާލިދު ވިދާޅުވީ ވޯލްޑް ކަޕްގެ ރައިޓްސް ނެތް ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް އެކޮމިޝަނުން މިއަދު ބުނެފައިވާ ކަމަށެވެ.
ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ނެގިކަން ކޮމިޝަނަށް އަންގާފައި ވަނީ އެމްބީސީގެ ޓީވީއެމް އާއި ވީޓީވީ އިން އެކަނި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ކުރިން ބުނެފެ އެވެ. އަދި މިއަދުގެ ބައްދަލު ވުމުގައި ވެސް ކޮމިޝަނުން އެކަން ކަށަވަރުކޮށްދީފައިވާ ކަމަށް އަލީ ހާލިދު ވިދާޅުވި އެވެ.
"ވޯލްޑްކަޕްގެ މެޗެއް ދެން އޮތީ އަށެއްގައި. އެހެންވީމާ އަޅުގަނޑުމެން ގަބޫލު މިކުރަނީ 8 ޖުލައިގެ ކުރިން އެބޭފުޅުން ގޮތެއް ނިންމަވާނެ ކަމަށް،" ހާލިދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ލޯކަލް ޗެނަލްތައް ކޭބަލުން ދެއްކުމަށް، ކޭބަލް އޮޕަރޭޓަރު، އަގު ނަގަންވާނީ ބްރޯޑްކާސްޓިންގް ކޮމިޝަނުން ފާސްކޮށްގެން ކަމަށް ގަވާއިދުގައި ބުނާ ކަމަށާއި ނަމަވެސް ކޭބަލް އޮޕަރޭޓަރު އަގު ނަގަނީ ކޮމިޝަނުން ފާސްކޮށްގެން ނޫން ކަމަށް ކޮމިޝަނުން އިއުތިރާފުވެފައިވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އެ މައްސަލައާ މެދު ވެސް ވާހަކަ ދައްކައިގެން ހައްލުތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ކޮމިޝަނުން ބުނި ކަމަށް ވެސް އަލީ ހާލިދު ވިދާޅުވި އެވެ.
ރައިޑިން ފީގެ ގޮތުގައި ކޮންމެ ބްރޯޑް ކާސްޓަރަކު ވެސް މަހަކު 40،000 ރުފިޔާ ކޭބަލް އޮޕަރޭޓަރު، މީޑިއާ ނެޓަށް، މިހާރު ދައްކަން ޖެހޭ ކަމަށް ބްރޯޑްކާސްޓަރުން ބުންޏެވެ. އަދި އެ އަދަދު 80،000 ރުފިޔާ އަށް ބޮޑު ކުރަމުން އަންނަ ކަމަށް ވެސް ބްރޯޑްކާސްޓަރުން ބުންޏެވެ.
އަދި އެޗްޑީކޮށް ރާއްޖޭގެ ބްރޯޑް ކާސްޓަރުންނަށް މީޑިއާނެޓް މެދުވެރިކޮށް ވޯލްޑް ކަޕް ނުދެއްކޭތީ އެ މައްސަލަ ވެސް ހުށަހަޅާފައިވާނެ ކަމަށް އަލީ ހާލިދު ވިދާޅުވި އެވެ.
މިއަދުގެ މަޝްވަރާތަކަށް ފަހު ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ މިހާރު ދިމާވެފައި ހުރި މައްސަލަތައް ބަލައި ވަގުތުން ވަގުތަށް ފިޔަވަޅު އަޅާނެ ވާހަކަ ވިދާޅުވި ކަމަށެވެ.
ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ދެ ޗެނަލަކުން ނަގާފައި ވަނިކޮށް އިތުރު ޗެނަލަކުން ކޭބަލް ތެރެއަށް ވަދެ ވޯލްޑްކަޕް ދެއްކުމުން ބްރޯޑްކާސްޓަރުންނަށް ބޮޑެތި ގެއްލުންތަކެއްވެ، ސްޕޮންސަރުން ކުރަމުން އައި އިތުބާރު ގެއްލިފައިވާ ކަމަށް ބްރޯޑް ކާސްޓަރުންގެ ލޮބީ ގްރޫޕުން ވަނީ ބުނެފަ އެވެ.