06 Jul 2014, 15:28
މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައިވާ، ގ. މަނާމް، ޑރ. މަރިޔަމް ޝަކީލާއަށް ރުހުން ހޯދަން އެކަމަނާގެ ނަންފުޅު މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި، އެކަމަނާގެ ނަންފުޅު މަޖިލީހަށް ފޮނުވީ މިއަދު ކަމަށެވެ.
މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑާގެ ނަން މިނިސްޓްރީ އޮފް ހެލްތުގެ ނަމަށް ބަދަލުކުރައްވައި އެ މިނިސްޓްރީއަށް ޝަކީލާ އައްޔަން ކުރެއްވީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ޞިއްޙަތާއި، އިޖްތިމާޢީ ރައްކާތެރިކަމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ މިނިސްޓްރީ ޝަކީލާއާ ހަވާލު ކުރެއްވިއިރު، އަންހެނުންނާއި ކުޑަކުދިންނާ ގުޅޭ ގޮތުން ސަރުކާރަށް ހުށަހަޅާ މައްސަލަތައް ބެލުން އެ މިނިސްޓްރީގެ ދަށުން ވަނީ އުނިކޮށްފަ އެވެ.