06 Jul 2014, 14:54
ގާހިރާ (ޖުލައި 6) : މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ގެ ސަރުކާރުން ތެލާއި ގޭހުގެ އަގު އާދަޔާ ޚިލާފަށް ބޮޑުކުރުމުން ރައްޔިތުން ރުޅިވެރިކަމާއެކު މަގުތަކަށް ނުކުމެ އިޙްތިޖާޖްތައްކުރަންފަށައިފިއެވެ. މިއިހްިޖާޖްތަކުގައި ބައިވެރިވި އެތައް ސަތޭކަ ބަޔަކު ވަނީ މިކަމާދެކޮޅު ހެދުމުގެ ގޮތުން ހިމޭންކަމާ އެކު ހިނގާލުންތައް ބާއްވާފަ އެވެ.
ނަމަވެސް މިސްރުގެ އައްޝަރްގިއްޔާ ގަވަނޭޓްގައި ކުރިޔަށްގެންދިޔަ މުޒާހަރާތަކާއި އިހްތިޖާޖްތަކާ ދެކޮޅަށް ފުލުހުން ވަނީ ކަރުނަގޭހާއި ރަބަރު އުންޑަ ބޭނުންކޮށްފަ އެވެ. މިކަމުގެ ސަބަބުން ދެމީހެއްގެ ގަޔަށް ވަޒަންއަރާފައިވާ އިރު އެކެއްގެ ގަޔަށް ވަޒަންއަރާފައި ވަނީ ބަނޑަށް ކަމަށާ އަނެއް މީހާގެ ގަޔަށް ވަޒަންއަރާފައި ވަނީ އޭނާގެ މޫނަށް ކަމަށް ކަަމަށް ޚަބަރުލިބެ އެވެ. މުޒާހަރާތައް ކުރިޔަށްދިޔަ ސަރަހައްދުތަކުގެ ތެރޭގައި އިސްމާއީލިއްޔާ، ކަފަރުއްޝައިޚް، އަލްއަގްސުރުގެ އިތުރުން ދިމްޔާތް އާއި ގަލްޔޫބިއްޔާ އާއި އިސްކަންދަރިއްޔާއާއި ބޫރުސައީދު ހިމެނެ އެވެ.
މިސްރުގެ ބޮޑުވަޒީރު އިބްރާހީމް މަހްލަބްވަނީތެލާއި ގޭހުގެ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުން ދިފާއުކުރައްވާފަ އެވެ. މަޙްލަބް ވިދާޅުވީ ސަރުކާރުން ސަބްސިޑީ ދީގެން އަގުހެޔޮކޮށް ވިއްކަމުންގެންދާ ތެލާއި ގޭހުގެ އަގުބޮޑުކުރީ އިގްތިސާދު ރަނގަނޅު ކުރުމަށާއި އިޖްތިމާއީ ކަންކަމަށް ކުރަން ޖެހޭ ހޭދަތައް އިތުރުވަމުންދާ އިރު މިކަމަށް ބޭނުންވާ ފައިސާ ބަޖެޓްގައި މަދުވުމުގެ ސަބަބުން ކަމުގަ އެވެ. ތެލާއި ގޭހަށް ސަރުކާރުން ދެމުން ގެންދިޔަ ސަބްސިޑީ ކަޑާލުމުން ސަބްސިޑީގެ ގޮތުގައި ކުރިން ދެމުންގެންދިޔަ ފައިސާ ދެން ޚަރަދުކުރެވޭނީ ތައުލީމީ ދާއިރާއަށާއި ސިއްޙަތާ ބެހޭ ދާއިރާގެ ޚިދްމަތްތައް ރަނގަނޅު ކުރުމަށް ކަމަށާއި މިކަމުގެ ސަބަބުން މިދެ ދާއިރާ އަށް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން މިސްރުގެ ސަރުކާރުންވަނީ ތެލާއި ގޭހުގެ އަގުތައް 40 އިންސައްތައާއި 80 އިންސައްތައަށް ބޮޑުކޮށްފަ އެވެ. މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވަނީ ސަރުކާރުން ކަރަންޓާއި ތެލާއި ގޭހަށްދޭ ސަބްސިޑީ ވަރަށްބޮޑަށް ކުޑަކޮށްލަން ޖެހޭ ކަމަށް ވިދާޅުވެ މިހޭދަކުޑަކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ސީސީ ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ސަރުކާރުން ވަނީ ކަރަންޓްގެ އަގު ވެސް ބޮޑުކޮށްފަ އެވެ. މިސްރުގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި ގަޑުބަޑުތަކުގެ ސަބަބުން އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ. މިސްރަށް އެންމެ ބޮޑު އާމްދަނީއެއްލިބޭ އެއްސެކްޓަރު ކަަމަށްވާ ޓޫރިޒަމްގެ ސެކްޓަރުގެ އާމްދަނީ ފާއިތުވި އަހަރުވަނީ ގާތްގަނޑަކަށް 50 އިންސައްތައަށް ދަށަށްގޮސްފަ އެވެ. އަދި ސިޔާސީ ގަޑުބަޑުތަކާ ކުރިމަތިލުމުގެ އިތުރުން ސީނާ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާ ކުރިމަތިލުމަށް ޓަކައި ސަރުކާރުން ކުރަން ޖެހޭ ޚަރަދުތައް ވެސް ވަނީ ކުރިޔަށްވުރެ ބޮޑުވެފަ އެވެ.
މިސްރުގެ އަރިއަޅާލާފައިވާ އިގްތިސާދު "ސީދާ" ކޮށް ކޮޅަށް ޖެހުމަށްޓަކައި ސީސީގެ ވެރިކަމަށް މާލީގޮތުން އެހިތެރިވަމުންދަނީ ސައޫދީ އަރަބިޔާއާއި ޔުނައިޑެޓް އަރަބް އިމަރޭޓްސް އެވެ. މި ދެ ގައުމުން 12 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް މިސްރަށް ދިނުމަށް ކަނޑައަޅާފައިވާ އިރު މީގެ ތެރެއިން ފަސް ވަރަކަށް ބިލިޔަން ޑޮލަރު މިސްރުގެ މަރުކަޒީ ބޭންކަށް މިހާރު ޖަމާކޮށްދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިސްރުގެ ސިޔާސީ ގަޑުބަޑުތައް ހައްލުނުވެ މިފައިސާ އިން އިގްތިސާދު ކޮޅަށް ޖެއްސުމުގައި ސީސީގެ ސަރުކާރު ނާކާމިޔާބު ވެއްޖެ ނަމަ އިތުރު އެހީތައް އަބަދު ދެވެންނޯންނާނެ ކަމުގެ އިޝާރާތްތައް މިދެގައުމުންވަނީ ދީފަ އެވެ.
މިސްރުގެ އިގްތިސާދު ހަމައަކަށް އެޅުވޭނީ ސިޔާސީ ގަޑުބަޑުތައް ހައްލު ވުމާއެކު މަދުވެގެން ދޮޅު މިލިޔަނެއްހާ ވަޒީފާ އުފައްދައިގެން ކަމަށާ މިކަމަށް ޓަކައި މަދުވެގެން ފަނަރަ ވަރަކަށް ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ސިނާއަތާއި ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާތަކަށް ކުރަންޖެހޭނެ ކަމަށް މިސްރު ސަރުކާރުން ތައްޔާރުކޮށްފައިވާ ދިރާސާތައް ބުނެ އެވެ. މީގެ އިތުރުން ރަށްފުށުގެ އުމްރާނީ ތަރައްގީއަށްޓަަކައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވާ އަސާސީ ކަންތައްތައް ކަމަށްވާ ސާފު ބޯފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށާއި ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫޢުތަކަށް ވެސް ވިއްސަކަށް ބިލިޔަން ޑޮލަރު ބޭނުންވާ ކަމަށް މިސްރު ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)