06 Jul 2014, 14:46
ބަޣްދާދު (ޖުލައި 6) : އިރާގުގެ އުތުރާއި ހުޅަނގެ ބައެއް ސަރަހައްދުތަކުގައި އިސްލާމީ ޚިލާފަތުގެ ނަމުގައި އަމިއްލަ އަށް ދައުލަތެއް އިޢްލާންކޮށް މުސްލިމުންގެ ޚަލީފާގެ ނަމުގައި ޚަލީފާއަކު ވެސް އިސްކޮށްގެންއުޅޭ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް" (އައިއެސް)ގެ ލީޑަރު އަބޫބަކްރުލްބަޣްދާދީ ޚުތްބާއެއް ދޭ މަންޒަރު ދައްކައިދޭ ވީޑީޔޯއެއް އެޖަމާއަތުން އިންޓަނެޓްގައި ޝާއިޢު ކުރުމުން އެވީޑިޔޯ އިން ފެންނަނީ ބަޣްދާދީ ނޫން ކަމަށް އިރާގު ސަރުކާރުން ބުނެފި އެވެ.
އިރާގު ސަރުކާރުގެ އަސްކަރީ ތަރްޖަމާން ޖެނެރަލް ގާސިމް އަތަﷲ އިއްޔެ ވިދާޅުވީ އަބޫބަކްރުލްބަޣްދާދީ ކަމަށް "އައިއެސް"ގެ ވީޑިޔޯ އިން ފެންނަ މީހާއަކީ އެޖަމާއަތުން މުސްލިމުންގެ ޚަލީފާ ކަމަށް ސިފަކުރާ އެޖަމާއަތުގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ ނޫންކަމަށާއި އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިރާގު ސިފައިން ދިން ވައިގެޙަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަޚަމްވެގެން ފަރުވާދިނުމަށް ޓަކައި އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ސޫރިޔާގެ ހޮސްޕިޓަލަކަށް ގެންގޮސްފައި ކަމުގަ އެވެ. "އައިއެސް"ގެ ވީޑީޔޯ އިން ފެންނަނީ އަބޫބަކްރުލްބަޣްދާދީ ގޮތަށް ހުރި މީހަކު އިރާގުގެ އުތުރުގެ މޫސަލްގެ ހުކުރު މިސްކިތުގައި 20 މިނިއްޓުގެ ހުކުރު ޚުތުބާއެއް ދޭ މަންޒަރެވެ.
މިއީ އިރާގުގެ ބައެއް ސަރަހައްދުތަކުގައި އިސްލާމީ ޚިލާފަތުގެ ނަމުގައި ދައުލަތެއް އިޢްލާންކޮށް މުސްލިމުންގެ ޚަލީފާ ކަމަށް "އައިއެސް" ޖަމާއަތުން ބައިއަތު ހިފާފައިވާ އެޖަމާއަތުގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ، ވީޑީޔޯ އަކުން ފެނުނު ފުރަތަމަ ފަހަރެވެ. ބަޣްދާދާއި ދިމިޝްގު ހިފައި އިރާގާއި ސޫރިޔާގެ ސަރުކާރުތައް ވައްޓާލުމަށް މަސައްކަތްކުރާ އިރާގުގެ އެންމެ އަނިޔާވެރި އަދި އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވެންޓް" (ދާޢިޝް)ގެ ނަން އެޖަމާއަތުން މިހާރުވަނީ "ދި އިސްލާމިކް ސްޓޭޓް" (އައިއެސް)ގެ ނަމަށް ބަދަލުކޮށްފަ އެވެ.
"އައިއެސް" އިން ޝާއިޢުކުރި ވީޑިޔޯގައި ހުކުރު ޚުތްބާ ދެނިކޮށް ފެންނަމީހާ އޭނާގެ ނަފްސު ސިފަކޮށްފައި ވަނީ "އަމީރުލްމުއްމިނީން އަލްޚަލީފާ އިބްރާހީމްގެ" ގޮތުގައެވެ. "އައިއެސް" ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގުގެ އުތުރުގެ ބޮޑު ސިޓީއެއް ކަމަށްވާ މޫސަލްގެ ހުކުރު މިސްކިތުގައި 20 މިނިއްޓުވަންދެން ދޭތަން ފެންނަ މިޚުތުބާގައި އަބޫބަކުރުލްބަޣްދާދީ ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގެ މައްޗަށް ނޫނީ އިސްލާމީ ދައުލަތެއް ގާއިމް ނުކުރެވޭނެ ކަމަށާއި އިސްލާމީ ޝަރީޢަތް ގާއިމް ކުރެވޭނީ ބާރުގެ ބޭނުންކޮށް އަދި މިކަމާދެކޮޅުހަދާ ފަރާތްތަކަށް ހަރުކަށި އަދަބުތައް ދީގެންކަމުގަ އެވެ.
އާންމުގޮތެއްގައި މުސްލިމުންނަށް ބިރުދައްކައި އިންޒާރުތައް ދެމުންގެންދިޔަ މިޚުތުބާގައިބަޣްދާދީ ބުނެފައި ވަނީ އޭނާއަކީ މުސްލިމުންގެ "ޚަލީފާ" ކަމަށާ އޭނާ އަށް ބޯލަނބައި ކިޔަމަން ގަތުމަކީ ހުރިހާ މުސްލިމުންނަށް ވާޖިބުކަމެއް ކަމުގަ އެވެ. އަދި މުސްލިމުންގެ ޚިލާފަތުގެ ދައުލަތަކާއި މުސްލިމުންގެ މައްޗަށް އަމުރު މަޢްރޫފް ހިންގައި މުންކަރާތްތައް ނަހީކުރާނެ "ޚަލީފާ" އަކު ނެތި އެތަށް ގަރުނެއް ފާއިތުވެގެން ވެގެންދިޔުމަކީ އިސްލާމީ ދުނިޔެއަށާއި މުސްލިމުންނަށް ގެއްލިގެންދިޔަ ދުވަސްތަކެއް ކަމަށް ވެސް އެވީޑިޔޯގައި އަލްބަޣްދާދީގެ ނަމުގައި ވާހަކަ ދެއްކި މީހާ ބުނެފައިވެ އެވެ. މީގެ އިތުރުން "އައިއެސް" ޖަމާއަތުން އިޢްލާންކޮށްފައިވާ އިސްލާމީ ޚިލާފަތުގެ ދައުލަތުގެ ދިފާއުގައި "ޖިހާދު" ކުރުމަށް ވެސް އަލްބަޣްދާދީގެ ޚިތާބުގައި ހުރިހާ މުސްލިމުންނަށް ގޮވާލާފައިވެ އެވެ.
"އިސްލާމިކް ސްޓޭޓް" (އައިއެސް) ޖަމާއަތުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ އިރާގުގެ އުތުރުގެ ތިކްރީތްއާއި މޫސަލްފަދަ ބޮޑެތި ބައެއް ރަށްތަކާއި އިރާގާއި ސޫރިޔާގެ ސަރަހައްދީ ރޮނގު ހިފުމަށް ފަހު އިރާގާއި އުރުދުންގެ ސަރަހައްދީ ރޮނގުގެ ކައިރިން ވެސް ބޮޑު ސަރަހައްދެއް ހިފާފަ އެވެ. މިގޮތުން އިރާގުގެ އުތުރާއި ހުޅަނގުގެ ބޮޑުބައެއް"އައިއެސް" ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައިވާ އިރު އެޖަމާއަތުގެ ހަނގުރާމަވެރިންގެ ކުރިމަތީގައި އިރާގުގެ ލަޝްކަރުތައް ވަނީ ބަލިވެ އިނދަޖެހިފަ އެވެ.
"އައިއެސް" ޖަމާއަތުގެ ހަނގުރާމަވެރިން މިހާރުވަނީ ސޫރިޔާގެ ތެލުގެ ބޮޑު މަރުކަޒެއް ވެސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ. ނަމަވެސް އިސްލާމީ ޚިލާފަތުގެ ދައުލަތުގެ ނަމުގައި "އައިއެސް" ޖަމާއަތުން އިޢްލާންކޮށްފައިވާ ދައުލަތް، އެޖަމާއަތުގެ ހަނގުރާމަވެރިން ފިޔަވައި މުސްލިމުންގެ އެހެން ބަޔަކު ގަބޫލުކޮށްފައެއްނުވެ އެވެ. އަދި "އައިއެސް" ޖަމާއަތުން މުސްލިމުންގެ ޚަލީފާ ގެ ގޮތުގައި ހަމަޖައްސާފައިވާ އަބޫބަކުރުލްބަޣްދާދީ އަށްވެސް އެޖަމާއަތުގެ ހަނގުރާމަވެރިން ފިޔަވައި އެހެންބަޔަކު ބައިއަތު ހިފާފައެއްނުވެ އެވެ.
"އައިއެސް" ޖަމާއަތަކީ 2003 ވަނައަހަރު އެމެރިކާ ސިފައިން އިރާގަށް އަރައިގަނެ ކުރި އުދުވާނީ ހަނގުރާމައިގާ އިރާގުގެ ރައްޔިތުންނަށް ދީފައިވާ އިންސާނިއްޔާތާ ޚިލާފު އަނިޔާތަކާ ގުޅިގެންނާއި އިރާގުގައި އެމެރިކާ އަޑީގައި އޮވެގެން އުފެއްދި ނަސްލީ އަދި މަޛްހަބީ ފިތްނައިގެ ތެރެއިން އުފަންވެގެންދިޔަ އަލްގާއިދާ ޖަމާއަތުގެ ގޮފީގެ ތެރެއިން ވުޖޫދަށް އައި ޖަމާއަތެކެވެ. މިޖަމާއަތް އަލްގާއިދާއާ ގުޅުންތައް ކަނޑާލައި މުސްތަގިއްލު ޖަމާއަތެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ވެސް ޒަޢާމަތުގެ ވާދަވެރިކަމެއްގެ ތެރެއިން ކަމަށްވެ އެވެ.
އިސްލާމީ ޖިހާދުގެ ނަމުގައި އިސްލާމީ ގައުމުތަކުގައި މުސްލިމުންނާ ދެކޮޅަށް މީހުންމެރުމާއި ބޮންގޮއްވުމުގެ ހަރުކަށި އަމަލުތައް ހިންގަމުންގެންދާ ހަނގުރާމަވެރި ހުރިހާ ޖަމާއަތްތަކެއްގެ ޒަޢާމަތުގައި ހުންނަވަން އަލްގާއިދާގެ ލީޑަރު އައިމަނުއްޒަވާހިރީ ބޭނުންވާއިރު "އައިއެސް" ޖަމާއަތުގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ އަކީ ވެސް މިޖަމާއަތްތަކުގެ ޒަޢާމަތު ބޭނުންވާ ލީޑަރެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"އައިއެސް" ޖަމާއަތުން ވަނީ އިރާގާއި ސޫރިޔާއާ ދެމެދުގައިވާ ސަރަހައްދީ ރޮނގަކީ ނެތްއެއްޗެއް ކަމަށާ އެއީ އިސްލާމީ ޚިލާފަތުގެ އެއްގައުމު ކަމަށް ބުނެ އެގައުމަށް ހުރިހާ މުސްލިމުން ހިޖްރަކުރުމަށް ގޮވާލާފަ އެވެ. އަދި މެރުއިރުމަތީގެ ހުރިހާ ގައުމުތަކެއް "ފަތަހަ"ކޮށް އިޓަލީގެ ވެރިރަށް ރޯމް އާ ހަމައަށް ވަރަށް އަވަހަށް އެޖަމާއަތުން އުފައްދާފައިވާ "އިސްލާމީ ޚިލާފަތުގެ ދައުލަތް" ފުޅާކުރާނެ ކަމުގެ އިންޒާރު ވެސް އެޖަމާއަތުގެ "ޚަލީފާ" އަބޫބަކުރުލްބަޣްދާދީ ވަނީ ދީފަ އެވެ. ބަޣްދާދީ ގެ މިއިންޒާރުތަކާ އެކު އެސަރަހައްދުގެ އަރަބި ގައުމުތަކުގެ އިތުރުން ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއާ އަދި ނޭޓޯވެސްވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. (ނޫސްއެޖެންސީތައް)