06 Jul 2014, 14:27
ދަތުރުވެރިންގެ މާރުކޭޓްގައި ވިއްކަން ހުރި ބާވަތްތަކުގެ ތެރެއިން ފަނި ގިރުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މައްޗަށް ގޮސްފި އެވެ.
މިއަދު ބާޒާރު އަގުތަކަށް ބަލާއިރު ކަރާ ކިލޯއެއް ވިއްކަން ހުރީ 18 ރުފިޔާ އަށެވެ. މީގެ ދެ ދުވަސް ކުރިން 16 ރުފިޔާއަށް ކަރާ ކިލޯއެއް ވިއްކި އެވެ. ޕެޝަން ފުރުޓް ކިލޯއެއް މިހާރު ވިއްކަން ހުރީ 60 ރުފިޔާ އަށެވެ. މީގެ ދެ ތިން ދުވަސް ކުރިން ވިއްކަން ހުރީ 45 ރުފިޔާ އަށެވެ.
ބާޒާރުގައި ފޭރު ކިލޯއެއް 50 ވިއްކަން ހުރިއިރު އަނބު ކިލޯއެއް ވިއްކަމުން ދަނީ 80 ރުފިޔާ އަށެވެ.
ކުރިން 10 ރުފިޔާއަށާއި 15 ރުފިޔާއަށް ވިއްކި ކުރުނބައެއް ގެ އަގު މިއަދު ވަނީ ބާޒާރުގައި 10 ރުފިޔާއިން ފެށިގެން 25 ރުފިޔާއާއި ދޭތެރޭ އަގުތަކަކަށް އުފުލިފަ އެވެ. ބާޒާރުގައި މިއަދު ރޮކް މެލަން ކިލޯއެއް ވިއްކަން ހުރީ 40 ރުފިޔާއަށެވެ.
މާރުކޭޓްގައި ތަކެތި ވިއްކަން ތިބި ފަރާތްތަކުން ބުނީ ފަނި ގިރުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް އުފުލިފައި ވަނީ އެތަކެތި މަދުވެ ޑިމާންޑް މަތިވެފައިވާތީ ކަމަށެވެ.