ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރާލި ރޭ އެ މައްސަލައިގައި ދައުވާ ރައްދުވާ މީހުން ތިބީ ޕީޓްލަރް ޕާކްގައި ކަމަށް ދިފާއުގައި ހުށަހެޅި މީހަކު ހެކިބަސްދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހެކިވެރިޔާ ހާޒިރުކޮށްފައި ވަނީ އެ މައްސަލައިގައި ދައުވާ ރައްދުވާ ލ. މާވަށް، އަސަރީގޭ، މަންސޫރު ޔޫސުފު ހުށަހެޅި ހެއްކެއްގެ ގޮތުގައެވެ.

އޭނާ ބުނީ މަންސޫރުގެ އިތުރުން ލ. މާވަށް އެވާބުލޫ، މުހައްމަދު ވިސާމާއި މއ. ސީނަރީވިޔު، އާތިފް ރަޝީދު އަދި ގދ. ގައްދޫ، ގުންޒަރު، މުހައްމަދު ސުފުޔާން ވެސް ހަރުހަމް މަރާލިރޭ ތިބީ ޕީޓްރަލް ޕާކްގައި ކަމަށާއި 6:00 ވަންދެން އެތަނުގައި އެމީހުންނާ އެކު އޭނާ އުޅެފައިވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ގާޒީއާއި ދައުލަތުގެ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބުދިން އިރު އެމީހާ ދެއްކި ބައެއް ވާހަކަތައް ދިމާނުވާކަން ފާހަގަކުރެވެއެވެ. އެގޮތުން ހެކިބަސްދެމުން އެމީހާ ދެއްކި ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަން ދައުލަތުގެ ވަކީލު ވެސް ވަނީ ފާހަގަކުރައްވާފައެވެ.

އަރުހަމް މަރާލި ރޭގެވަގުތެއްގައި އެ މައްސަލައިގައި ހިމެނޭ މަންސޫރުއާ އެކު ލޮރެންޒޯ ޕާކަށް ދިޔަކަމަށް ވެސް ހެކިބަސް ދެމުން އެމީހާ ވަނީ ބުނެފައެވެ.

މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް ވަނީ އެ މީހުން ދިފާއުގައި ހުށަހެޅި ބައެއް މީހުންގެ ހެކިބަސް ނަގާފައެވެ. އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ދިފާއުގައި ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.

އެމީހުން ދައުވާ އަށް އިންކާރު ކުރުމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވެސް މީގެކުރިން ވަނީ ނަގާފައެވެ.