އައްޑޫ ސިޓީ ކައުންސިލް ހެދުމަށް ސަރުކާރުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައި ހުކުމްކުރުމާ ވިދިގެން އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ފެބުރުއަރީ ފަސްވަނަ ދުވަހު ނުބާއްވައި ފަސްކުރުމަކީ ކޮމިޝަމުގެ މެންބަރުންގެ ވިސްނުން ކަމުގައި އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓުން ހުކުމް އިއްވެވިތާ ގަޑިއެއްހާ އިރުތެރޭ ސަން އޮންލައިނަށް އިންޓަވިއުއެއް ދެއްވަމުން ފުއާދު ވިދާޅުވީ މީގެ ކުރިން ކޮމިޝަނުގެ މެންބަރުންގެ ވިސްނުފުޅު ހުރީ ކޯޓުން ނިމޭގޮތަކުން ވަކި ގޮތެއް އައްޑޫ ކައުންސިލަށް ކަނޑައެޅެންދެން އައްޑު އަތޮޅުގެ ކައުންސިލް އިންތިހާބު ފަސްކުރުމަށް ކަމަށާއި އެކަމުގައި ކޮމިޝަނުން ރަސްމީގޮތުން ވަކިގޮތެއް ނިންމަވާނީ މާދަމާ ބޭއްވޭ އެކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.
~
"މެންބަރުންގެ ވިސްނުފުޅު އޮތްގޮތަކީ މި ގޮތައް މިކަންތައް ނިމިއްޖެނަމަ އައްޑުއަތޮޅުގެ އިންތިހާބު ފަސްކުރުން. އައްޑުއަތޮޅުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން. މިއީ ވިސްނުން އޮތް ގޮތަކީ. އެކަމަކު މާދަމާގެ ކޮމެޓީގެ ޖަލްސާއިން ގޮތެއް ރަސްމީކޮން ކަޑައަޅާނީ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކިގޮތެއް ކަޑައެޅެންދެން އައްޑޫގެ އިންތިހާބު ލަސްކޮށްލި ނަމަވެސް އެހެން އަތޮޅުތަކުގެ އިންތިހާބު، ރޭވިފައި ތަވާލަށް ކުރިއަށް ދާނެ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުން ވެސް މިހުރީ އެންމެ މަސްލަހަތު ހުރި ރަނގަޅު ގޮތަކަށް ވާނީ އައްޑޫ އިންތިހާބު ފަސްކުރުމޭ. އެކަމަކު އެހެން ދާއިރާތަކުގެ އިންތިހާބުތަށް ފަސްނުކޮށް ކުރިއަށް ދާނީ،" ފުއާދު ވިދާޅުވި އެވެ.

ގައުމީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިމާދު ސޯލިހާއި ސ. ފޭދޫ ޑޭލައިޓް އަބްދުލް ހަކީމް އަހުމަދު ދީދީ ހުށަހެޅި މައްސަލަ ބެއްލެވުމަށް ފަހު ސިވިލް ކޯޓުގެ ގާޒީ ހާތިފު ހިލްމީ މިއަދު ހުކުމް އިއްވަވާފައިވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައަޅާފައިނުވާތީ އައްޑޫ ސިޓީ ކައުންސިލް ހެދުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށެވެ.