ކ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ މޭ މަހުގެތެރޭ ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލަ އަށް އެ ކުއްޖާގެ ފަރާތުން ވަނީ ހީނުކުރާ ވަރުގެ ހެއްކެއް ލިބިފަ އެވެ.

އަޑު އިވުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރި ކަމެއް ހުރި ނަމަވެސް އޭނާގެ އެ އަމަލުތައް ވަނީ މައްސަލައިގަ ހެއްކަކަށް ވެފަ އެވެ. ބުނަން އުނދަގޫ ނަމަވެސް އޭނާ ވަނީ އެ ވާހަކަތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ.

އަންހެން ކުއްޖާގެ އާއިލާއިން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ކުއްޖާ ގެންގުޅުނު އައިޕެޑްގައިވާ ކަލަންޑަރުން އޭނާއަށް ޖިންސީ ގޯނާ ކުރި އެ ދުވަސްތައް ފާހަގަ ކޮށްފައިވާ ކަމަށެވެ. ކަލަންޑަރުން އެނގޭ ގޮތުގައި އެ ކުއްޖާއަށް މިއަހަރު ކުރީކޮޅުން ފެށިގެން ތަކުރާރުކޮށް އެތައް ދުވަހަކު ޖިންސީ ގޯނާކޮށްފައިވާ ކަން އެނގެން އޮތް ކަމަށް ކުއްޖާގެ ތިމާގެ މީހާ ބުންޏެވެ. އޭނާ ބުނީ އައިޕެޑްގައި ނޯޓު ކުރި ދުވަސްތައް އެ ކުއްޖާގެ ތިމާގެ ބައެއް މީހުނަށް ވެސް ދައްކާފައިވާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލައެއްގައި ކުޑަކުއްޖާ ދޭ ބަޔާނަށް ބޮޑު ބަރުދަނެއް ލިބެ އެވެ. އަދި އެކުއްޖާ ދޭ ހެއްކަކީ ޝަރީއަތުގެ މަރުހަލާގައި ބޭނުންކުރެވޭނެ ހެއްކެކެވެ.

އެމައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އެ ކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮންނަ 24 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ތިން ފަހަރަށް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.