06 Jul 2014, 12:44
ސަމާ އައިލެންޑް ރިޒޯޓްގެ ކައިރީގައިވާ ފަރަކަށް މިދިޔަ މޭމަހުގެ 31 ވަނަ ދުވަހު އެރި ވިއެޓްނާމްގެ ބޯޓް 508،572900 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބުދުއް ރަޝީދު ނާފިޒު މިއަދު ސަންއަށް ވިދާޅުވީ ވިއެޓްނާމްގެ އެމްވީ ވިއެޓްލޯންގް ނަމަކަށް ކިޔާ ބޯޓް އެ އަދަދުން ޖޫރިމަނާކޮށްފައި ވަނީ ފަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ވާތީ ކަމަށެވެ.
"އެއީ ހަމަ އެކަނި ބޯޓް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކަށް ބަލައި ކޮށްފައިވާ ޖޫރިމަނާ. އޭގެ އިތުރުން އެ ބޯޓުން ވަނީ އެ ސަރަހައްދަށް ގިނަ އަދަދެއްގެ ތެޔޮ އެޅިފައި، އެ ކަން ބަލައި އެ ކަމަށް އަދި ޖޫރިމަނާ ކުރާ ގޮތަށް އޮތީ،" ނާފިޒު ވިދާޅުވި އެވެ.
އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރް ޖެނެރަލް އިބުރާހީމް ނައީމް ވިދާޅުވީ ވިއެޓްލޯންގް އުރުމުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް އެ އެޖެންސީން ބަލާފައިވާ ކަމަށެވެ. އަދި ރެކޯޑް އަދަދަކުން އެބޯޓް ޖޫރިމަނާކޮށްފައި ވަނީ ލިބިފައިވާ ގެއްލުންތައް ބޮޑުކަމުން ކަމަށެވެ.