ކޮކާ ކޯލާ ވެޓަރަރެންސް ކަޕް ގައި އިއްޔެ ހަވީރު ވިކްޓަރީ 6-0 ލަނޑުން ބަލިކޮށް މުބާރާތުގެ ދެ ވަނަ ބުރަށް ބީޖީ ދަތުރުކޮށްފި އެވެ.

ބީޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގައި އެޓީމަށް ލަނޑުތައް ޖަހައިދިން ކުޅުންތެރިން ނަކީ ތިން ގޯލް ކާމިޔާބު ކުރި އިސްމާއިލް މުހައްމަދާއި އަހުމަދު އާޒިމް އާއި މުހައްމަދު އަބޫބަކުރު އަދި އިބްރާހިމް ޝާފިއު އެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބީޖީގެ އިސްމާއިލް މުހައްމަދެވެ.

ތަފާތު ބޮޑު ނަތީޖާއަކުން އިއްޔެ ވިކްޓަރީ އަތުން ބީޖީއަށް ލިބުނު މޮޅާއިއެކު، ގްރޫޕް އޭގައި ބީޖީ އޮތީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއި ފައިދާ ނުވަ ގޯލާއިއެކު އެއް ވަނަ މަގާމްގައެވެ.

މުބާރާތުގައި ބީޖީ ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވީ އީގަލްސްއާ ވާދަކޮށް 6-3 ލަނޑުންނެވެ.

އެ މުބާރާތުގެ ގްރޫޕް އޭ ގައި އޮތީ އީގަލްސް އާއި ބީޖީގެ އިތުރުން މަހިބަދޫ އާއި ވިކްޓަރީ އެވެ. އަދި ގްރޫޕް ބީ ގައި އޮތީ އޭވައިއެލް އާއި ސޮކަވެޓެރަންސް އެސޯސިއޭޝަނާއި ދިވެހި ސިފައިންގެ ކްލަބްގެ އިތުރުން އެ މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިޔާއެވެ.

މުބާރާތުގައި މިއަދު ހަވީރު 4:40 ގައި ބައްދަލުކުރާ ދެ ޓީމަކީ ދިވެހި ސިފައިންގެ ކްލަބާއި ސޮކަވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.