ރޯދަ މަހުގެ ދެވަނަ ދުވަހެވެ. މީޑިއާތަކުގެ ފަލަ ސުރުހީގައި ލިޔެވިގެން ދިޔައީ ހިތާމަވެރި ހަބަރެއްގެ ވާހަކަ އެވެ. އެއީ "ރޯދަ މަހުގެ ރޯމާދުވާލު ކާން" އިން 34 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކުރި ވާހަކަ އެވެ. ރޯދައަށް ނުހުރެ ކާން ހުއްޓައި އޭނާ އަތުލައިގަތީ މައްޗަންގޮޅީ ގެއެއްގެ ދެވެނަ ފަންގިފިލާގެ ސިޑިމަތީންނެވެ. ހަމަ އެދުވަހުގެ އެހެން ހަބަރެކެވެ. މިފަހަރު ލިބުނު ހަބަރަކީ ރޯދަޔަށް ނުހުރެ ދުވާލު ސިނގިރޭޓް ބުއި ތިން ޒުވާން ފިރިހެނުން ފުލުހުން ހައްޔަރު ކުރި ވާހަކަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ސިނގިރޭޓް ބޮމުން ދިޔައީ ވަރަށް ފާޅުގަ މަގުމަތީގަ އެވެ. އަނެއް ބަޔަކު ފިލާ ފާހާނާ ތަކުގެ ތެރޭގަ އެވެ.

މިއީ އެންމެންނަށް އެނގޭ ވާހަކަތަކަކަށް ވެދާނެ އެވެ. އަދި ދައްކަން މިއުޅޭ ވާހަކައަކީ އެންމެންނަށް އެނގޭ ނަމަވެސް ބޮޑު ސިއްރަކަށް ވެސް ވެދާނެ އެވެ. ހަގީގަތަކީ ވަރަށް ވެސް ހިތާމަ ވެރި ކަމެކެވެ. ސައްތައިން ސައްތަކަމަށް ބުނާ މި ރާއްޖޭގައި ރޯދަ ނުހިފާ އެތައް ބަޔަކު އުޅޭ ކަމުގެ ހަގީގަތެވެ. އެހެން އަހަރު ތަކެކޭ އެއް ފަދައިން މިއަހަރުގެ ރޯދަ މަހުވެސް މިކަން އެބަ ހިނގައެވެ. އެއް ބަޔަކު ފާޅުގައެވެ. އަނެއް ބަޔަކު ސިއްރުންނެވެ.

ވެރިރަށް މާލޭގައި އާންމު ކާބޯތަކެތި ވިއްކާ ފިހާރަތަކުގެ ސޭޓުންނާއި ވާހަކަދައްކާލީމެވެ. ޖަވާބަކީ ހައިރާން ކުރުވާފަދަ ޖަވާބެކެވެ. އެއީ ރޯދަމަސް ފެށުމާއެކު އެފިހާރަތަކުން ވިއްކާ ތައްޔާރީ ކާނާތަކާއި އެކި ކަހަލަ ބުއިންތައް ދުވާލު ގަޑީގައި މީހުން ގަންނަލެއް އިތުރުވެފައިވާ ކަމުގެ ވާހަކަ އެވެ. އަދި ބައެއް މީހުން ސީދާ ފާޅުގައި މިދަނީ ކާންކަމަށް ބުނާ ކަމެވެ.

"ރޯދަމަސް ފެށުނު ފަހުން ހަމަ ކޮންމެ ދުވަހެއްގެ ހެނދުނާއި މެންދުރު ގިނަ އަދަދަކަށް މީހުން އާދޭ އެކިއެކި ޕެކެޓާއި ބިސްކޯދު ޕެކެޓް ގަންނަން. އާންމުކޮށް މިފިހާރައަށް ހަމަ ކޮންމެ ދުވަހަކު އަންނަ ބަޔަކުވެސް އުޅޭ. ގިނައީ ޒުވާން ފިރިހެނުން ކުދިން،" ބުރުޒު މަގުގައި އާންމު ކާބޯތަކެތި ވިއްކާ ފިހާރައެއްގެ ސޭޓު ބުންޏެވެ.

ގަލޮޅުގައި އާންމު ކާބޯތަކެތި ވިއްކާ އެހެން ފިހާރައެއްގެ ސޭޓް ވެސް ބުނިގޮތުގައި ރޯދަ މަހު ސޮފްޓް ޑުރިންކްތަކާއި ތަފާތު ވައްތަރުގެ ބިސްކޯދު ވިކޭލެއް އިތުރު ކަމަށެވެ. އަދި ސިނގިރޭޓް ވިކޭލެއް ރޯދަ ނޫން މަސް މަހާއި އެއްވެސް ތަފާތެއް ނުހުންނަ ކަމަށް އެ ފިހާރަތަކުގެ ސޭޓުން ބުނެ އެވެ. ސަން އާއި ވާހަކަ ދެއްކި އެއްވެސް ފިހާރައެއްގެ ސޭޓުންނެއް މި ކަމަކާއި ދެކޮޅެއް ނުހަދައެވެ.

މިފަހަރު ޓެކްސީ ޑުރައިވަރެއްގެ ބަހެވެ. އެއީ އަހުމަދު އަލީ ނަމަކަށް ކިޔާ ޓެކްސީ ޑުރައިވަރެކެވެ. އޭނާ ޓެކްސީ ކުރާތާ މިހާރު 13 އަހަރުވެއްޖެ އެވެ. އޭނާ ބުނިގޮތުގައި އެހެން އަހަރު ތަކުގެ ރޯދަ މަހު ފެންނަ ހިތާމަ ވެރި މަންޒަރެއް މި ރޯދަ މަހު އޭނާ އަށް ފެންނަލެއް އިތުރު ކަމަށެވެ. އެއީ އެކި އުމުރުގެ މީހުން ރޯމާ ދުވާލު ސިގިރޭޓް ބޯ މަންޒަރެވެ. އެމަންޒަރު ބޮޑަށް ފެންނަނީ ހަނި ގޯޅިތަކުންނާއި ޕާކްތަކުގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ. އަދި އެކަން އެންމެ އާންމީ ފިރިހެނުންގެ ފަރާތުން ކަމަށް އަލީ ބުންޏެވެ.

"މިއީ ވަރަށް ދެރަ އެކަމް ހަމަ އާންމު ކަމެއް. ޓެކްސީއަށް އަރާ ބައެއް ކުދިން ވެސް ހަމަ ޔަގީނާ ގާތަށް އެނގޭ ބުނަން ރޯދަ ނޫންކަން. ސަބަބަކީ ބައެއް މީހުންގެ ގައިން އިންތިހާއަށް ސިނގިރޭޓް ވަސް ދުވާ. އެއް ދުވަހަކު މި ކާރަށް އަރައިފި ކޯކް ފުޅިއެއް ބޮމުންވެސް. މަ ވަގުތުން އެ ކުއްޖާ ބޭލީ،" އަހުމަދު އަލީ ބުންޏެވެ.

މިފަހަރު އެހެން މީހެއްގެ ބަހެވެ. އެއީ މާލެ އަތޮޅު ރިސޯތެއްގައި ވަޒީފާ އަދާ ކުރާ ޒުވާނެކެވެ. އޭނާ ބުނިގޮތުގައި އޭނާ އާއި އެއް ރިސޯޓެއްގައި މަސައްކަތް ކުރާ ގިނަ ޒުވާނުންތަކެއް ރޯދަޔަށް ނުހުންނަ ކަމަށެވެ. އެގޮތުން އެމީހުން "ކޮޓަރީގައި ކައްކައިގެން ކައިހަދާ" ކަމަށް އޭނާ ބުންޏެވެ.

މިއީ ތުންތުން މަތިން ދެކެވޭ ވާހަކަތަކެއްގެ އިތުރުން އެތައް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެކެވެ. އެފަދަ ކިތަންމެ ވާހަކައެއް އަޑުއިވިފައި އެބަހުއްޓެވެ. އަދި އެފަދަ ބައެއް މަންޒަރުތައް ފެނިފައިވެސް އެބަހުއްޓެވެ. ގަބޫލް ކުރަންޖެހޭ ހަގީގަތަކީ އެނުބައި އާދަވެސް މި ރާއްޖޭގައި މިހާރު އާންމު ވެފައިވާ ކަމެވެ. އަދި އެކަމުގައި ވަކި ޖިންސެއް ވަކި އުމުރަކަށް އިނގިލި ދިއްކުރެވެން ނެތް ކަމީ ކަމުގެ ހަގީގަތެވެ. އަދި ބައެއް ކުދިން ދަނީ ކުދި ކުދި އުޒުރު ދައްކައިގެން ރޯދަ ދޫކޮށްލަމުންނެވެ. އެންމެ އާންމު އުޒުރަކީ ބަލި ކަމަށް ބުނުމެވެ.

އޭއެމްޑީސީގައި މަސައްކަތް ކުރައްވާ ޑރ. އުސާމާ އަލީ ވިދާޅުވި ގޮތުގައި ވަރަށް ބަލި މީހަކު ނޫންނިއްޔާ ރޯދައިގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ނުވާނެ ކަމަށާއި އަދި އޭގެ ބަދަލުގައި ހަށިގަނޑަށް ފައިދާވާނެ ކަމަށެވެ. އެގޮތުން ހަށިގަނޑުގެ އެކިއެކި ބައިތަނަށް ރެސްޓް ލިބި ހަށިގަނޑު ހަމަޖެހިލަން ލިބޭ ކަމަކަށް ރޯދަ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

" ރޯދަ ހިފީމަ ޑައިޖެސްޓް ސިސްޓަމް އަށް ފައިދާވާނެ. އަދި ލޭ މައްޗަށް ދާ މީހުންނަށް ވެސް ރޯދައިން އެތައް ފައިދާއެއް ވޭ. ހަމައެއާއެކު ހަކުރާއި ލޮނާއި ކޮލެސްޓްރޯލް ވެސް ބެލެންސް ވާނެ ރޯދައިގެ ސަބަބުން،" ޑރ. އުސާމާ ވިދާޅުވި އެވެ.

ޑޮކްޓަރުންގެ ބަހުން ވެސް އެނގޭގޮތުގައި ރޯދަ އަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ. ކުދިކުދި އުޒުރު ދައްކައިގެން ރޯދަ ދޫކޮށްލަން ހެޔޮނުވާނެ އެވެ. ދެން އޮތީ ރޯދަ ދޫކޮށްލުމަކީ ދީނީ ގޮތުން ބަލާނަމަ ކިހާވަރެއްގެ ކަމެއްތޯ އެވެ؟

ޝެއިހް އާދަމް ޝަމީމް ވިދާޅުވިގޮތުގައި ރޯދަ ދޫކޮށްލުމުން އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. ސަބަބަކީ ރޯދަ އަކީ އިސްލާމް ދީނުގެ ރުކުނަކަށް ވުމުން ރުކުނެއް އެޅުމަކީ ބޮޑު ފާފައެއް ކަމަށް ޝެއިހް ވިދާޅުވި އެވެ. ޝެއިހް ވިދާޅުވީ ރޯދަ ގަސްތުގައި ރޯދަ ދޫކޮށްލާ މީހުން މަރުވުމުން ވޭންދެނިވި އަޒާބް ލިބިގެންދާނެ ކަމަށެވެ.

"ގަސްތުގައި ރޯދަ ދޫކުރާ ނަމަ އެމީހެއްގެ އިސްލާމް ކަމާމެދު ޝައްކު އުފެއްދޭނެ ކަމަށް ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ" ޝެއިހް ޝަމީމް ވިދާޅުވިއެވެ.

އާންމުވެފައިވަނީ ކިތަންމެހާވެސް ހިތާމަވެރި ކަމެކެވެ. ނަމަވެސް ގަބޫލް ކުރަންޖެހޭ ހަގީގަތަކީ ރޯދަ ނުހިފާ އެތައް ބަޔަކު އުޅޭ ކަމެވެ.