06 Jul 2014, 10:33
ދިވެހިރާއްޖެއަށް ކަނޑު މަގުން 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލްކޯޓުން އިތުރުކޮށްފިއެވެ.
އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އެ ހަތަރު މީހުންގެ ތެރޭގައި ތިން ދިވެހިންނާއި ބަންގްލަދޭޝްގެ މީހަކު ހިމެނެއެވެ. އެ މީހުންގެ ބަންދުގެ މުއްދަތު މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.
އޭގެ އިތުރުން، އެމައްސަލާގައި ހައްޔަރުކޮށްފައިވާ ޕާކިސްތާނު ދެ މީހުންގެ ބަންދުގެ މުއްދަތު މިމަހު 10 ގައި ހަމަވާނެއެވެ. އަދި މި މައްސަލާގައި ހިމެނޭ އިތުރު ދިވެއްސެއްގެ ބަންދުގެ މުއްދަތު މިމަހު އެއް ވަނަ ދުވަހު ވަނީ ހަތް ދުވަހަށް އިތުރު ކޮށްދީފައިވެއެވެ.
މަސްތުވާތަކެތީގެ އެ ބޮޑު އޮޕަރޭޝަނަކީ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި އަތުލައިގަތް 24 ކިލޯގެ މަސްތުވާތަކެއްޗަކީ މި ފަހުގެ ތާރީޚެއްގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގަތް އެންމެ ބޮޑު އަދަދުގެ މަސްތުވާތަކެއްޗެވެ. އެތަކެތި ދިވެހިރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ޑިންގީއެއްގައި ފޮރުވައިގެން ހޮރްމޯޒް ނަމަކަށް ކިޔައި އީރާނުގެ ބޯޓަކުންނެވެ.
މަސްތުވާތަކެއްޗާ ހަވާލުވުމަށް ވައިލެޓް ނަމަކަށް ކިޔާ ދޯންޏެއް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޭރަށް ދެ ފަހަރެއްގެ މަތިން ދަތުރުކޮށްފައިވެއެވެ. އެ ތަކެތި އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންވަނީ ގިނަ ދުވަސްތަކެއް ކަނޑުމަތީ ހޭދަކޮށް ގިނަ ގުރުބާނީތަކެއް ވެފައެވެ.
މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 100 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ބެލެވެއެވެ.