ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލު މެޗަށް ފަހު، ކޮލަމްބޮއާގެ ތަރި ޖޭމްސް ރޮޑްރިގޭޒްގެ ލޮލުން ކަރުނަ އައިސްފައި ވަނީ ހުރިހާ މަސައްކަތަކަށް ފަހު މުބާރާތުން ކަޓައިގެން ދިއުމުން ކަމަށާއި ފިރިހެނުންނަށް ވެސް ރޮވޭނެ ކަމަށް އޭނާ ބުނެފި އެވެ.

ކުއާޓާ އިން ވޯލްޑް ކަޕާއި ކޮލަމްބިއާ އަލްވަދާއު ކިޔަން ޖެހުނީ ބްރެޒިލް އަތުން 2-1 ލަނޑުން ބަލިވެގެންނެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ބްރެޒިލްގެ ލަނޑުތައް ތިއާގޯ ސިލްވާ އާއި ޑޭވިޑް ލުއިޒް ކާމިޔާބުކޮށްދިން އިރު، ކޮލަމްބިއާ އަށް ލިބުނު ޕަނަލްޓީއަކުން އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރިގޭޒެވެ.

ބްރެޒިލް އަތުން ބަލިވެ، މުބާރާތުން ކެޓި މެޗަށް ފަހު، އުމުރުން 22 އަހަރުގެ ރޮޑްރިގޭޒް ރޮމުން ދިޔަ އިރު، އޭނާ އަށް ބްރެޒިލް ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ހިތްވަރު ދީފަ އެވެ.

"އަހަރެން ރުއީ ހުރިހާ މަސައްކަތަކަށް ފަހު، މުބާރާތުން ކަޓައިގެން ދިއުމުން،" ރޮޑްރިގޭޒް ބުންޏެވެ. "އެ މެޗުގައި ރެފްރީ ހުރީ އަހަރެމެންނާ އިދިކޮޅަށް ނުކުމެ. އޭނާގެ ނިންމުންތަކާ މެދު އަހަރެން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ. ފިރިހެނުންނަށް ވެސް ރޮވޭނެ. އެކަމަކު އަހަރެންނަށް އެނބުރި ގައުމަށް ދާނީ އުފަލުގައި ހުރެ. އުފަންވެގެން މި ދިޔައީ ވަރުގަދަ ޓީމެއް."

ރޮޑްރިގޭޒް އަކީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. މި މުބާރާތުގައި އޭނާ ވަނީ ޖުމްލަ ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ އަށް ރަށަށް ވޯލްޑް ކަޕް ތަށި ނުގެންދެވުނު ނަމަވެސް، ވޯލްޑް ކަޕުގެ ރަން ބޫޓު ގެންދިއުމުގެ ފުރުސަތު އެބަ އޮތެވެ.