މާތްވެގެންވާ މައްކާ (ޖުލައި 6) : އުމުރާގެ އަޅުކަން އަދާކުރުމަށްޓަކައި މާތްވެގެންވާ މައްކާގެ ޙަރަމްފުޅަށް ޒިޔާރަތް ކުރަމުންގެންދިޔަ އުމުރުން 40 ގެ އަހަރުތަކުގެ މީހަކު އާދަޔާ ޚިލާފު ހެދުމެއް (އިސްލާމީ ޙަޟާރަތުގެ ދުވަސްވަރު އިސްލާމީ ބައެއް ދައުލަތްތަކުގެ ޚަލީފާ އިން ތުރުކުރެއްވި ހެދުންތަކާ އެއްވައްތަރެއްގެ ހެދުމެއް) އަޅައިގެން މީހުންގެ ސަމާލުކަން ހޯދަން އުޅުމުން ޙަރަމްފުޅު ބަލަހައްޓާ ފުލުހުން އެމީހާ ހައްޔަރުކޮށްފި އެވެ.

މައްކާގެ ފުލުހުންގެ އިދާރާ އިން މިދިޔަ ބުރާސްފަތު ދުވަހު ނެރުނު ބަޔާނެއްގައި އެއިދާރާގެ ތަރްޖަމާން ޑރ. އާތީ ބިން އަތިއްޔާ އަލްގުރަޝީ ވިދާޅުވެފައި ވަނީ އާދަޔާ ޚިލާފު ހެދުމެއް އަޅައިގެން މީހުންގެ ސަމާލުކަން ހޯދަން އުޅުނު މިމީހާއަކީ ކެސްބިޔަން ކަނޑުގެ ހުޅަނގު ފަޅީގެ ސަރަހައްދުގެ ގައުމަކަށް ނިސްބަތްވާ މީހެއް ކަމުގަ އެވެ. ހަރަމްފުޅުގައި އަޅުކަންކުރަންތިބި މީހުންނާއި ތަވާފް ކުރަންތިބި މީހުންގެ ތެރެއިން އެތައް ބަޔަކު އެމީހާ އަޅާފައިވާ ހެދުމަށް ސަމާލުކަންދިނުމުގެ ސަބަބުން އަޅުކަމުން އެއްފަރާތްވަމުންދާތީ އާއި އެކަމުގެ ސަބަބުން ހަރަމްފުޅު ތެރޭގައި އެހެން މީހުންގެ ހަރަކާތްތަކަށާއި ހިނގައިބިނގައި ވުމަށް ދަތިވާތީ އެމީހާ އަށް ފުރަތަމަ ދުވަހު ނަސީހަތްތެރިވުމަށް ފަހު ވެސް އެމީހާގެ ހެދުމަށް ބަދަލުނުގެނައުމުން، ޖެހިގެން އައި ދުވަހު، ހަރަމްފުޅުގެ ފުލުހުން އޭނާ ހައްޔަރުކުރީ ކަމުގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މައްކާގެ ހަރަމްފުޅުގައި އަޅުކަންކުރަންތިބި މީހުންނާއި ތަވާފް ކުރަންތިބި މީހުންގެ ތެރެއިން އެތައް ބަޔަކު ވަނީ އަޅުކަމުން އެއްފަރާތްވެ އެމީހާއާ އެކު ފޮޓޯނެގުމަށް އެތަށް ވަގުތުތަކެއް ހޭދަކޮށްފަ އެވެ. "ޚަލީފާ"ގެ ނަމުން މުޚާބަތުކުރެވޭ އެމީހާ އުޅެނީ ފޮޓޯނަގާ މީހަކު ވެސް ގޮވައިގެން ކަމަށާ އަދި އެމީހާއާ އެކު ފޮޓޯނެގުމުގެ ފުރްސަތުދެނީ އަގަށް ކަމަށާ މިގޮތަށް ފޮޓޯނަގައިގެން ގިނަ އަދަދެއްގެ ފައިސާ ވެސް އެމީހާ ޖަމާކޮށްފައިވާ ކަމަށް އަލްއަރަބިއްޔާ ޓީވީ ޚަބަރުދެއެވެ.އަދި ހަރަމްފުޅުގައި އަޅުކަންކުރަންތިބޭ މީހުން އެމިހާއާ މުޚާތަބުކުރަނީ "ޚަލީފާ"ގެ ނަމުން ކަމަށާ އެމީހާގެ ހެދުމަކީ މުސްލިމުންގެ ކުރީގެ ޙަޟާރަތުގެ ދުވަސްވަރު ބައެއް ޚަލީފާއިން ތުރުކުރެއްވި ހެދުންތަކާ އެއްގޮތް ސިފަތަކެއް ހުންނަ އަޅައިގަންނަ ހެދުމެއް ކަމަށްވެސް އަލްއަރަބިއްޔާ ބުނެ އެވެ.

މައްކާގެ ފުލުހުން ބުނާގޮތުން "ޚަލީފާ"ގެ ނަމުން ނަންދީފައިވާ އެމީހާއަކީ ހެޖެހޭ އަދި ސިކުނޑީގައި މައްސަލައެއް ނެތް މީހެކެވެ. އަޅައިގަންނަ ބާވަތުގެ ހެދުމެއްލައިގެން އެމީހާ މަސައްކަތްކުރީ އެހެންމީހުންގެ ސަމާލުކަން ހޯދުމަށާއި މީހުންނާއެކު ފޮޓޯނަގައިގެން ފައިސާ އެއްކުރުމަށް ކަމަށްވެސް މައްކާގެ ފުލުހުންނާ ހަވާލާދީ އަލްއަރަބިއްޔާ ބުނެ އެވެ. (އަލްއަރަބިއްޔާ)