ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ކޮލަމްބިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ބްރެޒިލްގެ ތަރި ނާމާއާ ނުލައިވެސް އެ ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކޮލަމްބިއާ އަތުން 2-1 ލަނޑުން ބްރެޒިލް މޮޅުވެ، ސެމީން ޖާގައެއް ހޯދި މެޗުގައި ނޭމާ އަށް އަނިޔާވީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ.

ނޭމާ އަށް ލިބުނު އަނިޔާއާ ގުޅިގެން ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި އޭނާގެ އުނަގަނޑުގެ ވާޓަބްރޭ ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ އަށް މަދުވެގެން ހަތަރު ހަފްތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

"ބްރެޒިލްގެ ރައްޔިތުންނަށާއި ކުޅުންތެރިންނަށާއި ޓީމުގެ މުވައްޒަފުން އަދި ސަޕޯޓަރުންނަށް ބުނެލަން އޮތީ މިއީ އަހަރެންނަށް ވަރަށް އުނދަގޫ ދަނޑިވަޅެކޭ. އަހަރެންގެ ސިކުނޑީގަ އާއި ހިތުތެރޭގައި އޮތް ބަސްތަކެއް މިވަގުތު ބުނެދޭކަށް ނޭނގޭ،" ސީބީއެފް ޓީވީއަށް ނޭމާ ދިން އިންޓަވިއުއެއްގައި ބުންޏެވެ. "އަހަރެން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް މި އަނިޔާ އިން ސަލާމަތްވާން. މިކަމުގައި އަހަރެންނަށް ސަޕޯޓުދޭ މީހުންނަށް ޝުކުރު އަދާކުރަން،"

ނޭމާ ބުނީ، އަނިޔާވިޔަސް އޭނާގެ ވޯލްޑް ކަޕް ހުވަފެނަށް ހުރަސްއެޅިފައި ނުވާ ކަމަށާއި އޭނާގެ ހުވަފެނަކީ އަމިއްލަ ފަސްގަނޑުގައި ވޯލްޑް ކަޕް ކާމިޔާބުކުރުން ކަމަށެވެ.

"ވޯލްޑް ކަޕުގައި ކުޅުމަކީ ވެސް އަހަރެންގެ ހުވަފެނެއް. އެކަމަކު މިހާރު އެ ހުވަފެން ނިމުމަކަށް އައިސްފި. ވޯލްޑް ކަޕުގެ ޗެމްޕިއަނުންނަށް ވާނީ ބްރެޒިލް. އަހަރެން އަބަދުވެސް ހުންނާނީ ޓީމާ އެކު. އެ ދުވަހުން ހުރިހާ ބްރެޒިލް މީހުން ވެސް އަހަރެމެންނާ އެކު އުފާފާޅު ކުރުމުގައި ބައިވެރިވާނެ." އޭނާ ބުންޏެވެ.

މި މުބާރާތުގެ ސެމީގައި ބްރެޒިލް ނުކުންނަން ޖެހޭނީ ޖަރުމަނާ ދެކޮޅަށެވެ. އަމިއްލަ ގައުމުގެ ބެލޯ ހޮރިޒޮންޓޭ ސިޓީގެ އެސްޓޭޑިއޯ މިނޭރާއޯގައި ކުޅޭ މި މެޗަށް ބްރެޒިލް ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 1:00 ގަ އެވެ.