ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ޚިދުމަތް ހޯދުމަށް ގުޅަން ޖެހޭ ނަމްބަރުން ފޯނު ނުނައިގައިގެން ޚިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިލަން ޖެހިފައިވާ ކަމަށް ބުނެ އާންމުން ޝަކުވާ ކުރަން ފަށައިފި އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތު ކޮށް ސަން އޮންލައިނާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެންސްޕާއިން ޚިދުމަތްތެއް ހޯދުމަށް ޑިސެމްބަރު މަހުން ފެށިގެން ގުޅާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އައިރު ވެސް އެއްވެސް ނަމްބަރަކުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި ޚާއްސަ އެހީ އަށް ބޭނުން ވެގެން ކުއްޖަކަށް އެހީ ހޯދުމަށް އެންސްޕާގެ އެއްވެސް ނަމްބަރަކުން ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް ސަން އާ ވާހަކަ ދެއްކި މީހަކު މިއަދު ބުންޏެވެ.
އޭނާ ބުނީ އެތައް ބަޔަކު އެ ޝަކުވާ ކުރަމުންދާ ކަމަށާއި އެހެންނަމަވެސް އެންސްޕާގެ އެއްވެސް ނަމްބަރަކަށް ގުޅައިގެން ފޯނު ނުނަގާ ކަމަށެވެ.
ސަން އޮންލައިނުން ވެސް އެންސްޕާގެ ބަހެއް ހޯދާލުމަށް ތިން ނަމްބަރަކަށް ގުޅާލި ނަމަވެސް އެއް ވެސް ފޯނަކުން ޖަވާބެއް ނުލިބުނެވެ. އަދި އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދުގެ ނަމްބަރާ ގުޅާލުމުން ފޯނު ނުނެންގެވުމުގެ ސަބަބުން ވަނީ އޭނާގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.