06 Jul 2014, 10:18
ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ކޮލަމްބިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލް ތަރި ނޭމާ އަށް އަނިޔާވި ގޮތް ބަލަން ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނިންމައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ކޮލަމްބިއާ އަތުން 2-1 ލަނޑުން ބްރެޒިލް މޮޅުވެ، ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވި މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ނޭމާ އަށް އަނިޔާވީ ކޮލަމްބިއާގެ ހުއާން ޒުނިގާގެ ނުރައްކާތެރި ހަމަލާއަކުންނެވެ. ޒުނިގާގެ ކަކުލުން ޖެހި ނޭމާގެ އުނަގަނޑަށް އަނިޔާވެ އޭނާ އަށް ވަނީ ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހިފަ އެވެ.
ނޭމާގެ އުނަގަނޑަށް ޒުނިގާ ދިން ހަމަލާ އިން އޭނާ އަށް ރަތް ކާޑެއް ނުވަތަ ރީނދޫ ކާޑެއް ވެސް ރެފްރީ ދައްކާފައެއް ނުވެ އެވެ. ފީފާ އިން އެ މައްސަލަ ބެލުމަށް ނިންމާފައިވާ އިރު، ޒުނިގާ ބުނީ އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އޭނާ ކުޅުނީ ގައުމުގެ ދިފާއުގައި ކަމަށެވެ.
"ޑިސިޕްލިނަރީ ކޮމިޓީން ދަނީ އެކަން ހިނގި ގޮތް ބަލަމުން. ދަނޑުމަތީގައި ފެއާ ޕްލޭގެ ރޫހު ދެމެހެއްޓުން ވަރަށް މުހިންމު. އަދި އަހަރެމެން ބޭނުން ވަނީ ދަނޑުމަތީގައި ހިނގާ މިކަހަލަ އުނދަގޫ ކަންތައްތައް ހުއްޓުވަން." ފީފާގެ މީޑިއާ އާ ހަވާލުވެހުރި އިސްވެރިޔާ، ޑެލިއާ ފިޝާ ބުންޏެވެ.
ބްރެޒިލް އަށް ސަޕޯޓަކުރާ ގިނަ ފަރާތްތަކަކުންނާއި އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިން ދެކޭގޮތުގައި، ޒުނިގާގެ އެ ހަމަލާއަކީ އަނިޔާކޮށްލުމުގެ މަގްސަދުގައި ނޭމާ އަށް ދިން ހަމަލާއެއް ކަމަށެވެ.
މި އަނިޔާގެ ސަބަބުން ނޭމާ އަށް ޖަރުމަނާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލު މެޗުގައި ނުކުޅެވޭ އިރު، ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ އަށް ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން އޭނާ އަށް ވެސް ނުކުޅެވޭނެ އެވެ. އަމިއްލަ ގައުމުގެ ބެލޯ ހޮރިޒޮންޓޭ ސިޓީގެ އެސްޓޭޑިއޯ މިނޭރާއޯގައި ކުޅޭ މި މެޗަށް ބްރެޒިލް ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 01:00 ގައެވެ.