ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން އާޖެންޓީނާ ތަރި އެންހެލް ޑި މަރިއާ އަށް ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހިފައިވާ ކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.

ރޭ ބެލްޖިއަމް އަތުން 0-1 ލަނޑުން މޮޅުވެ، ސެމީ ފައިނަލުގެ ޖާގައެއް ހޯދި އާޖެންޓީނާ ޓީމުން ރޭގެ މެޗުގައި ޑި މަރިއާ ފެނިފައި ވަނީ 33 މިނެޓަށެވެ.

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް، ޖޯޖް މެންޑޭޒްއާ އެކު މަސައްކަތްކުރާ ޑި މަރިއާގެ އެޖެންޓް، ޔޫޖޭނިއޯ ލޯޕޭޒް ބުނީ، ޑި މަރިއާގެ ފައިގެ މާކަޅުވާ އަށް އަނިޔާވުމުގެ ސަބަބުން އޭނާ އަށް ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހިފައިވާ ކަމަށެވެ.

ޑި މަރިއާ އަކީ އާޖެންޓީނާ އަށް ކުއާޓާގެ ޖާގައެއް ހޯދައި ދިނުމަށް ސްވިޒަލެންޑް ކޮޅަށް ކާމިޔާބުކުރި ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ޑި މަރިއާ އަށް ލިބުނު އަނިޔާގެ ސަބަބުން ލިއޮނެލް މެސީ އަށް ބަރޯސާވާ އާޖެންޓީނާ އަށް އިތުރު މައްސަލަތަކެއް ދިމާވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން އާޖެންޓީނާގެ ކޯޗު އަލެންޖެންޑްރޯ ސަބެއްލާ ބުނީ، ޑި މަރިއާ އަށް ލިބުނު އަނިޔާ އަކީ ޓީމަށް ލިބުނު ހިތާމައެއް ކަމަށާއި މިއަދު ހަދާ ޓެސްޓްތަކުން އޭނާ އަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާއެއްކަން އެނގިގެން ދާނެ ކަމަށެވެ.

މި މުބާރާތުގެ ސެމީގައި އާޖެންޓީނާ ނުކުންނަން ޖެހޭނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. ބްރެޒިލްގެ ސައޮ ޕޯލޯ ސިޓީގެ އެރީނާ ކޮރިންތިއަންސްގައި ކުޅޭ މި މެޗަށް އާޖެންޓީނާ ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 01:00 ގައެވެ.