06 Jul 2014, 05:31
ވޯލްޑް ކަޕުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް މޮޅުވީ 4-3 ލަނޑުންނެވެ. މެޗުގައި ކޮސްޓަ ރިކާ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ، ޕެނަލްޓީއަށް ހާއްސަކޮށްގެން ނެދަލޭންޑްސް އިން އެރުވި ނިއުކާސަލް ޔުނައިޓެޑަށް ކުޅޭ ޓިމް ކްރުލް ވަނީ ދިފާއުކޮށްފައެވެ.
މި މެޗަށް ނުކުތް އިރު، ކޮސްޓަ ރިކާ ފާހަގަވެގެން ދިޔައީ ވޯލްޑް ކަޕުގެ ނޮކްއައުޓް ސްޓޭޖުން ދިހަ ކުޅުންތެރިންނާއެކު 50 މިނެޓް ކުޅެ ސަލާމަތްވި ހަމައެކަނި ޓީމުގެ ގޮތުގައެވެ. އަދި ނެދަލެންޑްސް ކުއާޓާއަށް ދަތުރުކޮށްފައި ވަނީ ފަހު ވަގުތުގައި ޖެހި ޕެނަލްޓީއަކާ އެކު އެވެ.
މި މެޗުގައި ނެދަލެންޑްސް އަށް ވަރަށް ގިނަ ފުރުސަތުތަކެއް ލިބިފައި ވެއެވެ. ނަމަވެސް ކޮސްޓަ ރިކާގެ ގޯލު ކީޕަރު ކޭލާ ނަވާސް ކޮޅަށް ނެދަލޭންޑްސް އަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. އެގޮތުން ނަވާސް ވަނީ ފުރަތަމަ ހާފުގައި ނެދަލެންޑްސްގެ ކެޕްޓަން ރޮބިން ވެން ޕާސީގެ ހަމަލާ އާއި މެމްފިސް ޑިޕާއީގެ ހަމަލާ އާއި ވެސްލީ ސްނެއިޑާގެ ހަމަލާ ވަރަށް ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެމުން ދިޔައީ ނެދަލެންޑްސް އެވެ. ދެވަނަ ހާފުގައި ވެސް އެ ޓީމުން ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، އެ ފުރުސަތުތަކުން އުފެއްދި ހަމަލާތަކުގެ ހުރަހަކަށް ވެސް ވީ ނަވާސް އެވެ. ދެވަނަ ހާފުގައި ސްނެއިޑާގެ ހަމަލާއެއް ކޮސްޓަ ރިކާގެ ގޯލުގެ ދަނޑީގެ އެހީގައި ދިފާއުކުރި އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަ ވަނިކޮށް ވެސް އެ ޓީމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ގޯލު ލައިން ކައިރީ ހުރި ޔެލްޓްސިން ޓެހޭޑާ ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.
މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީއަށް ދިއުމުން ސަލާމަތްވުމަށް ނެދަލެންޑްސް އިން މަސައްކަތްކުރި އިރު، ކޮސްޓަ ރިކާ އިން ބުރަކޮށް މަސައްކަތްކުރީ ނެދަލެންޑްސް ހުއްޓުވުމަށެވެ. އިތުރު ވަގުތުގައި މަދު ފުރުސަތުތަކެއް ކޮސްޓަ ރިކާ އަށް ލިބުނު އިރު، މެޗުގައި އެ ޓީމަށް ލިބުނު ހަމައެކަނި ކޯނަރު ލިބުނީ ވެސް އިތުރު ވަގުތުގެ ތެރޭގައެވެ.
އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ނެދަލޭންޑްސް ޓީމުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނީ އެ ޓީމު ސެމީ އަށް ގެންގޮސްދިން ގޯލްކީޕަރު ކްރުލް އެވެ.
ނެދަލޭންޑްސްގެ އެއް ނަންބަރު ކީޕަރު ކިލެސެންގެ ބަދަލުގައި އެރުވި ކްރުލް، މިދިޔަ ސީޒަނުގައި ނިއުކާސަލްއަށް ކުޅުނު އިރު އެއްވެސް ޕެނަލްޓީއެއް ދިފާއުކުރެވިފައެއް ނުވެ އެވެ. ކްރުލް ވަނީ މެޗުގައި ކޮސްޓަ ރިކާގެ ކެޕްޓަން ބްރަޔަން ރުއިޒް އަދި މައިކަލް ޔުމާނާ ފޮނުވާލި ޕެނަލްޓީ ދިފާއުކޮށްފައެވެ.
ކޮސްޓަ ރިކާ އަށް ކާމިޔާބުކުރެވުނީ ސެލްސޯ ބޯޖެސް އާއި، ޖިއަންކާލޯ ގޮންޒާލޭޒް އަދި ކްރިސްޓިއަން ބޮލަނޯސް ފޮނުވާލި ޕެނަލްޓީ އެވެ.
ނެދަލެންޑްސްގެ ޕެނަލްޓީތައް އެ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ފޮނުވާލި އިރު، އެ ކުޅުންތެރިން ވަނީ އެ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. ނެދަލެންޑްސް އިން ޕެނަލްޓީތައް ފޮނުވާލީ ކެޕްޓަން ވެން ޕާސީ އާއި، އާރްޔެން ރޮބެން އާއި، ވެސްލީ ސްނެއިޑާ އަދި ޑާކް ކުއިޓް އެވެ.
ސެމީގައި ނެދަލެންޑްސް ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާއާ ދެކޮޅަށެވެ. ބްރެޒިލްގެ ސައޮ ޕޯލޯ ސިޓީގެ އެރީނާ ކޮރިންތިއަންސް ގައި ކުޅޭ މި މެޗަށް ނެދަލޭންޑްސް ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 1:00 ގައެވެ.