06 Jul 2014, 00:55
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކޮލަމްބިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އުނަގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ބްރެޒިލްގެ ތަރި ނޭމާ އަށް އެ ޓީމުގެ ކުޅުންތެރިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ކުއާޓާ ފައިނަލުގައި ކޮލަމްބިއާ އަތުން 2-1 ލަނޑުން ބްރެޒިލް މޮޅުވި މެޗުގައި ހުއާން ޒުނިގާގެ ކަކުލުން ޖެހިގެން ނޭމާ އަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށް އޭނާ އަށް ވަނީ މެޗުގެ 86 ވަނަ މިނެޓްގައި ދަނޑު ދޫކޮށް ދާން ޖެހިފަ އެވެ. އެ މެޗަށް ފަހު، އުމުރުން 22 އަހަރުގެ ނޭމާ ވަނީ އޭނާގެ ޓީމުގެ މެމްބަރުންނާ ބައްދަލު ކުރުމަށް ކޭމްޕް ކުރާ ތަނަށް ގޮސްފަ އެވެ.
ބްރެޒިލް ޓީމު ކޭމްޕް ކުރާ އެ ގައުމުގެ ޓެރެސްޕޮލިސްގެ މައުންޓަން ސިޓީ އަށް ނޭމާ އައިސްފައި ވަނީ އެމްބިއުލެންސެއްގަ އެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިން ނޭމާ އަށް ބްރެޒިލްގެ ގިނަ ތަރިންތަކެއް މަރުހަބާ ކިޔާފައިވާ މަންޒަރު، ބްރެޒިލްގެ ފުޓްބޯލް އެސޯސިއޭޝަނުން ނެރުނު ވީޑިއޯ ފުޓޭޖަކުން ދައްކުވައި ދެ އެވެ.
ނޭމާގެ އުނަގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން މިހާރު އޭނާ ވަނީ ޓެސްޓްތަކެއް ހަދައިފަ އެވެ. އޭނާގެ އުނަގަނޑުގެ ވާޓެބްރާ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށް އެ ޓެސްޓްތަކުން ދައްކުވައި ދެ އެވެ. އެހެންވުމުން ނޭމާ އަށް ވަނީ ހަތަރު ހަފްތާ އަށް ކުޅުމާއި ދުރަށް ދާން ޖެހި، އޭނާގެ ވޯލްޑް ކަޕް އުންމީދުތަކަށް ހުރަސް އެޅިފަ އެވެ.
ނޭމާ އަށް ލިބުނު އަނިޔާއާ ގުޅިގެން ގިނަ ފުޓްބޯޅަ ތަރިންތަކަކާއި ލެޖެންޑުންތަކެއް ވަނީ އަވަސް ޝިފާއަކަށް އެދި އޭނާ އަށް މެސެޖުތަކެއް ފޮނުވައިފަ އެވެ. އެގޮތުން އޭނާ އަށް ވަނީ ލިއޮނެލް މެސީ، މެސުޓް އޮޒިލް، މާރިއޯ ބަލޮޓެލީ، ކަކާ، ޕައުލީނިއޯ، ފްރެޑް، ވިލިއަން، ޖިލްބާޓޯ ސިލްވާ، ލޫކަސް ޕޮޑޮލްސްކީ އަދި ރޮބާޓޯ ކާލޯސްގެ މެސެޖުތަކެއް ލިބިފަ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ބްރެޒިލް ބައްދަލުކުރަން ޖެހޭނީ ޖަރުމަނާ ދެކޮޅަށެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ 01:00 ގައި ޖަރުމަނާ ދެކޮޅަށް ބްރެޒިލް ނުކުންނަ އިރު، ނޭމާގެ އިތުރުން އެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ އަށް ވެސް އެ މެޗުގައެއް ނުކުޅެވޭނެ އެވެ. މި މުބާރާތުގައި ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ތިއާގޯ ސިލްވާ އަށް ވަނީ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފަ އެވެ.