05 Jul 2014, 22:57
މެޗުގެ ފުރަތަމަ ހާފުގައި ގޮންޒާލޯ ހިގައިން ޖަހައިދިން ލަނޑުން 24 އަހަރަށް ފަހު ވޯލްޑް ކަޕްގެ ސެމީފައިނަލްގެ ޖާގައެއް ހޯދައިފި އެވެ.
އާޖެންޓީނާއަށް 1990 ވަނަ ވޯލްޑް ކަޕަށް ފަހު އެ މުބާރާތުގެ ކުއާޓާ ފައިނަލް ފަހަނަޅައި ދެވިފައި ނުވާއިރު، މި މެޗަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މެޗެވެ.
ސެމީ ފައިނަލްގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ، މިރޭ ކުޅޭ ކުއާޓާފައިނަލްގެ އަނެއް މެޗުގައި ނެދަލެންޑްސް އާއި ކޮސްޓަ ރިކާ ވާދަކޮށް މޮޅުވާ ޓީމަކާއެވެ.
ބްރެޒިލްގެ ވެރިރަށް ބްރަސީލިއާގެ އެސްޓާޑިއޯ ނެސިއޯނަލްގައި ކުޅުނު ފޯރިގަދަ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައި ވާ އިރު މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު، އިޓަލީގެ ނަޕޯލީގެ ފޯވާޑް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ އަށް ވަނަ މިިޓުގައެވެ. ބެލްޖިއަމް ޕެނަލްޓީ އޭރިޔާ ތެރެއިން އެންޖެލް ޑިމާރިއާގެ ފައިގައި ޖެހިފައި ޑިފްލެކްޓްވި ބޯޅަ ހިގައިން ބެލްޖިއަމްގެ ގޯލްތެރެއަށް ފޮނުވާލީ ގޯލްކީޕަރު ތިބައުޓް ކޯޓުއާ އަށް ބޯޅަ ދިފާއުކުރާނޭ ކުޑަވެސް ފުރުސަތެއް ނުދީއެވެ. މި ލަނޑަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ހިގައިން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ފުރަތަމަ ހާފުގައި އާޖެންޓީނާގެ ކޯޗު އަލެޔަންޑްރޯ ސަބެއްލާ އަށް އެންމެ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވީ، ރެއާލް މެޑްރިޑަށް ކުޅޭ އާޖެންޓީނާ މިޑްފީލްޑަރު ޑި މާރިއާގެ އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ ކުރީ ކޮޅުގައި ޑިމާރިއާ ބަދަލުކުރަން ޖެހުމެވެ.
ފަހު ހާފުގައި ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް، ކެވިން މިރަލަސްގެ ބަދަލުގައި ޑްރައިސް މާޓެންސް އަދި ޑިވޮކް އޮރިގީގެ ބަދަލުގައި ރޮމެލޫ ލުކާކޫ އަރުވައިގެން ޓީމަށް ގެނައި ބަދަލާއެކު އެ ޓީމުގެ ފަރާތުން އާޖެންޓީނާ ކޮޅަށް ވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ.
ބެލްޖިއަމްގެ ތިން ޑިފެންޑަރުން ކަޓުވާލާފައި ބޯޅަ ހިފައިގެން އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ހިގައިން ފޮނުވާލި ބާރު ހަމަލާ ގޯލަށް އަމާޒު ނުވެ ބޭކާރުވެގެން ދިޔައިރު، އޭގެ ފަހުން އާޖެންޓީނާއިން އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއް ގޯލްކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ. އެގޮތުން ފަހު ހާފުގެ ކުޅުން ނިމެން ކައިރިވެފައި ވަނިކޮށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެކަނި ބޯޅަ ހިފައިގެން ބެލްޖިއަމްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން ކޯޓުވާ ވަނީ އެ ބޯޅަ ދިފާއުކޮށް ބާސާގެ ފޯވާޑް އޭނާއާ ދެކޮޅަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓަމުން ގެންދާ ރެކޯޑް ކުރިއަށް ގެންގޮސްފައެވެ.
މުބާރާތުގައި ބެލްޖިއަމް އެޓީމުގެ ފުރަތަމަ ބައްޔާއެކު މުބާރާތަށް އަލްވަދާއުކިޔަން ޖެހުނު އިރު އާޖެންޓީނާ ސެމީން ޖާގަ ހޯދީވެސް މި މުބާރާތުގައި އެއްވެސް މެޗަކުން ބަލި ނުވެއެވެ.
މީގެ ކުރިން މި ދެޓީމު ބައްދަލުކުރި 4 މެޗުގެ ތެރެއިން 3 މެޗުން އާޖެންޓީނާ ވަނީ މޮޅުވެފައެވެ. ބެލްޖިއަމް މޮޅުވެފައި ވަނީ އެންމެ ފަހަރަކު އެވެ. 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ހުޅުވި މެޗުގައި އޭރު ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ މައްޗަށް ބެލްޖިއަމް ކުރި ހޯދީ 1-0 ލަނޑުންނެވެ. އޭގެ ފަހުން 1986 ވަނަ އަހަރުގެ ވޯލްކަޕްގެ ސެމީ ފައިނަލްގައި މި ދެޓީމު ވާދަކުރި މެޗުން އާޖެންޓީނާ މޮޅުވީ 2-0 ލަނޑުންނެވެ. އެ މެޗުގައި ފެނިގެން ދިޔަ 2 ލަނޑުވެސް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ ދުނިޔޭގެ ކުރީގެ ފުޓްބޯޅަ ތަރި ޑިއެގޯ މަރަޑޯނާ އެވެ.