ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ހަތް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޅ. ހިންނަވަރު ފަރިހުގޭ ހުސައިން އަބްދުލް ހަކީމް ހަތް އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ މެއި ނުވަ ވަނަ ދުވަހު މާލޭގެ ގެއަކުން އޭނާ ލެޕްޓޮޕެއް ވަގަށް ނެގުމުގެ ކުށް ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ޝަރީއަތަށް ހުށަހެޅިފައިވާ ހެއްކާ ގަރީނާ ތަކަށް ބަލާއިރު ވައްކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

މިއީ ވައްކަމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ހަތް ވަނަ ފަހަރު ކަމަށް އެ ހުކުމް ގައި ވަނީ ބުނެފައެވެ.