ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުން ޝޯޓްލިސްޓްކޮށް، ތިން ބޭފުޅެއްގެ ޝަރުތު ހަމަނުވާ ކަމަށް ކޮމިޝަނުން މިއަދު ކަނޑައަޅައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ބުނީ ހައިކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކޮމިޝަނުން ނިންމާފައި ވަނީ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް އުނިވުމުން ކަމަށެވެ. އެގޮތުން ތަޢުލީމީ ބައިންނާއި ތަޖުރިބާގެ މުއްދަތު ހަމަނުވުމާއި، އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ތިއްބެވުމުގެ ސަބަބުން ތިން ބޭފުޅަކު ވަނީ ޑިސްކޮލިފައި ކުރައްވާފައި ކަމަށް ޖޭއެސްސީން ބުންޏެވެ.
ނަމަވެސް ޑިސްކޮލިފައި ކުރީ ކޮން ތިން ބޭފުޅުންނެއް ކަމެއް ޖޭއެސްސީ އަކުން ނުބުނެ އެވެ.
ޑިސްކޮލިފައި ކުރެއްވި ތިން ބޭފުޅުންގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ ބުދަ ދުވަހުގެ 12:00 ކުރިން ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެފަރާތްތަކަށް ދެއްވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ހައިކޯޓަށް ފަނޑިޔާރުން ނެގުމަށް އެކުލަވާލައްވާފައިވާ ޕެނަލުން ވަނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރާނެ ދާއިރާތައް ކަނޑައަޅައި، އެފަރާތްތަކަށް އެކަން އަންގައިފަ އެވެ. އަދި މިހާރުއެ ޕެނަލުން ކުރަމުންގެންދަނީ އެބޭފުޅުންނާ ކުރައްވާނެ ސުވާލުތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށް ކޮމިޝަނުން ކަނޑައަޅާފައި ވަނީ 15 ވަނަ ދުވަހު އެވެ. އަދި ހައިކޯޓުގެ ބެންޗަށް ހޮވިވަޑައިގަންނަވާ ބޭފުޅުން ހުވާކުރެއްވުމަށް ހަމަޖައްސާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.