ހދ. ކުމުންދޫ އާއި ކުޅުދުއްފުއްޓާ ދޭތެރޭ ދަތުރުކުރާ ފެރީ ފަރަށް އަރައި އެ ފެރީން ދަތުރުކުރި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.

ކުމުންދޫ ކައުންސިލުގެ ރައީސް އަލީ އަންވަރު މިއަދު ސަން ވިދާޅުވީ، އެ ރަށު "ހޯރަ" ނަމަކަށް ކިޔާ ފެރީ ކުމުންދޫ ކަނޑިންމާލުން ތޮށިމައްޗަށް އަރާފައި ވަނީ، ހދ. ކުޅުދުއްފުށިން މީހުން ގޮވައިގެން ކުމުންދޫއަށް އައި މަގުމަތީގައި، މިއަދު މެންދުރު 12:30 އެހާކަންހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ފެރީގައި ގާތްގަނޑަކަށް 75 ވަރަކަށް މީހުންތިބި ކަމަށާއި ފެރީ ފަރަށް އަރައި އަރިއަޅާލުމުގެ ސަބަބުން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ އިރު މުދަލަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ. ނަމަވެސް ފެރީން ދަތުކުރި އެންމެންވެސް މިހާރު ސަލާމަތްކޮށްގެން ކުމުންދު އަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެރީން ދަތުރުކުރި އެންމެން މިހާރު ވަނީ ސަލާމަތްކޮށްފައި. ބައެއް މީހުންނަށް ދޯނި އެއްފަރާތައް އަރި އަޅާލުމުން، ތަންތަން މަށައިގެން ގޮސް، ކުދިކުދި އަނިޔާވެފައި ވަނީ، އެ އެންމެންނަށްދަނީ ސިއްހީ މަރުކަޒުން ފަރުވާދެމުން،" އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފަރަށް އެރުމުގެ ހާދިސާ އާ ގުޅިގެން، ފެރީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ދޯނި ފުންކުރުމުގެ މަސައްކަތް ކުމުންދޫ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.