މިސްރުގައި މިހާރު ހިންގުން މަނާކޮށްފައިވާ މުސްލިމް ބްރަދަހުޑް ޕާޓީގެ ލީޑަރު މުހައްމަދު އަލް ބާދިއު އާއި އެޕާޓީ އަށް ތާއީދުކުރާ އިތުރު 36 މީހަކު އުމުރަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ބާދިއު އުމުރަށް ޖަލަށް ލުމަށް ހުކުމްކުރީ ޑިމޮކްރެޓިކް އިންތިހާބަކުން މިސްރުގެ ރައީސް ކަމަށް ވަޑައިގެންނެވި ހަމަ އެކަނި ރައީސް މުހައްމަދު މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމުން އުފެދުނު ހަމަނުޖެހުންތައް އުފެއްދީ އޭނާ ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ.

ބާދިއު އާއި އަނެއް 36 މީހުންގެ މައްޗަށް އެހެން ދެ މައްސަލައެއްގައި ވަނީ ކުރިން މަރުގެ ހުކުމް އިއްވައިފަ އެވެ.
ބާދީ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރި ކޯޓުން މިއަދު ވަނީ އެހެން 10 މީހަކު މެރުމަށް ކޮށްފައިވާ ހުކުމަކަށް ތާއީދުކޮށްފަ އެވެ.

މިސްރު ސިފައިންގެ ވެރިއަކަށް އެގައުމުގެ މިހާރުގެ ރައީސް އަބުދުލްފައްތާޙު އަލް ސީސީ ހުންނަވައިގެން ކުރި ބަޣާވާތުގައި ރައީސް މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު ގިނަ އަދަދެއްގެ މީހުންގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.