މޯލްޑިވިއަންގެ ސީ ޕްލޭންގެ ރަސްމީ ދަތުރުތައް މިމަހު ފެށުމަށް ހަމަޖެހިފައިވާ އިރު ސީޕްލޭންގެ ފުރަތަމަ ދަތުރު ތ. އަތޮޅަށްކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް މިއަދު ސަން އަށް ވިދާޅުވީ ތ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ މާލިފުއްޓަށް އިއްޔެ އެ ކުންފުނީގެ ސީ ޕްލޭން ފުރަތަމަ ދަތުރު ކޮށްފައިވީ ނަމަވެސް އެއީ އަދި ރަސްމީކޮށް ފަށާފައިވާ ދަތުރުތަކެއް ނޫން ކަމަށެވެ.

"މިއީ އަދި ރަސްމީކޮށް ދަތުރު ފަށައިގެން ކުރި ދަތުރެއް ނޫން. މިއީ ބައެއް ކަންތަށްތަށް ޓެސްޓްކޮށް ފައިނަލް ކުރަން ކުރި ދަތުރެއް. ވަރަށް އަވަހަށް ޓިކެޓް ކަންތައްތަކާ ހުރިހާ ކަމެއް ހަމަޖައްސައިގެން ރަސްމީކޮށް ދަތުރުތައް ފަށާނަން،" ހާރިޝް ވިދާޅުވި އެވެ.

ހާރިޝް ވިދާޅުވީ ދަތުރުތައް ރަސްމީކޮށް ފެށުމުގެ ކުރިން ބޯޓަށް ބޭނުންވާ ތެލާއި ދަތުރުގެ އެހެނިހެން ހުރިހާ ކަމެއް ވެސް މެނޭޖް ކުރެވިފައި ވަނީ ރަނގަޅަށްތޯ ބެލުން މުހިންމު ކަމަށާއި އިއްޔެ ކުރި ދަތުރުން އެ ކަންކަން ސާފުވެ ފައިނަލްވެގެން ދާނެ ކަމަށެވެ.

މޯލްޑިވިއަން ސީޕްލޭންގެ ދަތުރުތައް އަވަސް މުސްތަގުބަލެއްގައި ފަށަން ނިންމާފައިވާ އިރު އެ ކުންފުނިން މިހާރު ވަނީ ދެ ސީޕްލޭން ރާއްޖެ އަށް ގެނެސްފަ އެވެ. ސީޕްލޭންތަކުގައި ފަތުރުވެރިން އުފުލި ނަމަވެސް ދިވެހިންނަށް ވެސް ދަތުރު ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.