05 Jul 2014, 14:36
ދުވަސް ފުރާ ވިހެއުމަށް ފަހު ތުއްތު ދަރިފުޅު މަރާލި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މަންމަގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
އުމުރުން 18 އަހަރުގެ އެ އަންހެން ކުއްޖާ ވިހެއި ތުއްތު ދަރިފުޅުގެ އަނގަޔަށް ފޮތި ލައްވައި މަރާލާފައި އޮއްވައި ފެނުނީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު މ. ސިލްވާޝާކް ގޭގެ ތިން ވަނަ ބުރީ ހުރި ފޮއްޓެއްގެ ތެރެއިންނެވެ.
އެ ދުވަހު އެ ތުއްތު ކުއްޖާގެ މަންމަ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ. އޭގެ ފަހުން ދެފަހަރެއްގެ މަތިން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ހޯމް މިނިސްޓްރީ އަށް ފެންނަ ތަނެއްގައި ބަންދުގައި ބަހައްޓާފައިވާ އެ އަންހެން ކުއްޖާގެ ބަންދުގެ މުއްދަތު އެންމެ ފަހުން ކްރިމިނަލް ކޯޓުން އިތުރުކޮށްދިނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
އެ އަންހެން ކުއްޖާ ވިހެއިކަން ފަޅާއެރީ ލޭ މަނާނުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން ދަރިއަކު ވިހާފައިވާކަން ޑޮކްޓަރުންނަށް އެނގުމުންނެވެ. ކައިވެނީގެ ބޭރުން ދަރިޔަކު ލިބި، ވިހާފައިވާތީ އެ އަންހެން ކުއްޖާގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ އޭޑީކޭ ހޮސްޕިޓަލުންނެވެ.
އެ އަންހެން ކުއްޖާގެ އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި ތުއްތު ދަރިފުޅު ވިހެއުމަށް ފަހު ފާހާނާ އަށް ލައި ފްލަޝް ކުރީ ކަމަށް އެ ކުއްޖާ އެއްބަސްވެ އެވެ. ނަމަވެސް އޭގެ ފަހުން އެ ތުއްތު ދަރިފުޅު ފޮއްޓެއްގެ ތެރެއަށްލާފައި އޮތް ކަމަށް ބުުނުމުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އެ ތުއްތު ކުއްޖާގެ މަންމަގެ އާއިލާއިންނެވެ.