އައްޑު އަތޮޅު ވައިގެ ބަނދަރަށް މެގާ މޯލްޑިވްސްގެ ބޯއިން 767 އޮޕަރޭޝަންތައް ފެށުމުގެ ހުއްދަދީފައި ވަނީ ފަޔާ ފައިޓިންގެ އެއް ކެޓަގަރީ ދަށްކޮށް ކަމަށް ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން އެއްބަސްވެއްޖެ އެވެ.
ޑިޕާޓްމަންޓްގެ ޑިރެކްޓާ ފާތުމަތު ރާމިޒާ މިއަދު ވިދާޅުވީ އާންމުކޮށް ދަތުރުތައް ނުބާއްވާ ތަންތަނަށް ފަޔާ ސާވިސްގެ އެއް ކެޓަގަރީ ދަށްވިއަސް، އިކާއޯގެ ގަވާއިދުގެ ދަށުން ބޯއިން 767ގެ ބޯޓްފަހަރަށް އޮޕަރޭޓް ކުރެވޭނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މެގާ މޯލްޑިވްސްގެ ދަތުރުތައް ރެގިއުލާކޮށް އައްޑުއަށް ކުރަން ފެށޭނީ ފަޔާ ސިކިއުރިޓީ ސްޓޭންޑަޑް، ކެޓަގަރީ ހަތަކަށް މައްޗަށް ޖެއްސުމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ސްޓޭންޑަޑް ހަތެއްގެ ހިދުމަތްދޭ ފަޔާ ލޮރީއެއް އެބައޮތެވެ. ނަމަވެސް އެ ލޮރީގެ ބެޓަރީގެ މައްސަލައެއް އުޅޭ ކަމަށާއި އެ ބެޓަރީ މަރާމާތު ކުރުމުން އެ ފެންވަރަށް ހިދުމަތް ދެވޭނެ އެވެ.
މެގާ މޯލްޑިވްސްގެ 264 ގޮޑީގެ ބޯޓްގެ ދަތުރުތައް ސ. ގަމަށް ކުރުމުގެ ހުއްދަ ސިވިލް އޭވިޝަނުން ވަނީ މީގެ ތިން ހަފުތާ ކުރިން ދީފަ އެވެ.