05 Jul 2014, 11:56
ސްރީ ލަންކާގެ އުތުރުގައި ވަކި ދައުލަތެއް ގާއިމްކުރަން އެގައުމުގެ ސަރުކާރާއި ހަނގުރާމަ ކުރި ތަމަޅަ ޓައިގަރުންނާއި ގުޅުންހުރި ކަމަށް ޝައްކުކުރެވޭ ހަތަރު މީހަކު މެލޭޝިއާގައި ހައްޔަރުކޮށްފި އެވެ.
މެލޭޝިއާގެ ޕޮލިސް އިންސްޕެކްޓަރު ޖެނެރަލް ކާލިދު އަބޫބަކުރާ ހަވާލާދީ ރޮއެޓާސްގައި ބުނެފައި ވަނީ، ހައްޔަރުކުރި ހަތަރު މީހުންނަކީ ވެސް ތަމަޅަ ޓައިގަރުންގެ ބޭސްއެއް މެލޭޝިއާގައި ގާއިމްކުރުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި 1999 ވަނަ އަހަރު، ސްރީ ލަންކާގެ އޭރުގެ ރައީސް ޗަންދްރިކާ ކުމާރަތުންގާ އަވަހާރަކޮށްލަން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކާއި ބޮން ހެދުމުގެ މާހިރެއް ކަމަށް ބެލެވޭ މީހެއްގެ އިތުރުން، ތަމަޅަ ޓައިގަރުންނަށް އިންޓެލިޖެންސް މައުލޫމާތު ހޯދައިދޭ ކަމަށް ތުހުމަތުކުރެވޭ މީހަކު ހިމެނޭ ކަމަށް ހާލިދު ވިދާޅުވެފައިވެ އެވެ.
ތަމަޅަ ޓައިގަރުން ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މެލޭޝިއާ ފުލުހުން ހައްޔަރުކޮށްފައިވާ އިރު، މިދިޔަ މޭ މަހުގެ ތެރޭގައި، މެލޭޝިއާގައި ވަކި ޖަމާއަތެއް ހެދުމަށް މަސައްކަތްކުރި ސްރީލަންކާގެ ތިން މީހަކު ވަނީ ޑީޕޯޓްކޮށްލާފަ އެވެ.
ސްރީލަންކާ ސަރުކާރާ ދެކޮޅަށް 30 އަހަރު ވަންދެން ތަމަޅަ ޓައިގަރުން ކުރި ހަނގުރާމަ ނިމުނުކަން ސަރުކާރުން އިއުލާންކުރީ މެއި 18، 2009 ވަނަ އަހަރުގަ އެވެ. އަދި އެ ހަނގުރާމާގައި އެއް ލައްކަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.