05 Jul 2014, 11:39
ބަޣްދާދު (ޖުލައި 5) : އިރާގުގައި އެކުލަވާލުމަށް ހަމަޖެހިފައިވާ އައު ސަރުކާރުގެ ބޮޑުވަޒީރުކަމާ ކުރިމަތިނުލެއްވުމަށް ބޮޑުވަޒީރު ޑރ. ނޫރީއަލްމާލިކީ އަށް އެގައުމުގެ ޝިޔައީ އަދި ސުންނީ ލީޑަރުންނާއި ބޭރުގެ އެކިފަރާތްތަކުން ކުރަމުންގެންދާ އިލްތިމާސްތަކަށް އޭނާ ދެކޮޅު ހައްދަވައިފި އެވެ.
މިކަމާބެހޭ ގޮތުން މާލިކީގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައުސަރުކާރުގެ ބޮޑުވަޒީރު ކަމަށް ކުރިމަތިލެއްވުމުގެ ހައްގު އޭނާ އަށް ލިބިވަޑައިގަންނަވާ ކަމަށާއި މިހައްގު ދޫކޮށްލުމަށް ގަސްދު ނުކުރައްވާ ކަމުގަ އެވެ. އިރާގުގައި ހަރުކަށި ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު އާދަޔާ ޚިލާފަށްގަދަވެ އެމީހުން ވެރިރަށް ބަޣްދާދަށް އަރައި އިރާގުގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ދެމުންގެންދާ އިރު އިރާގު ސިފައިން ވަނީ ހަނގުރާމަވެރިން ފަހަތަށް ޖެއްސުމުގައި ނާކާމިޔާބުވެފަ އެވެ.
އިރާގަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ބޮޑުވެގެން ދިޔައީ މާލިކީގެ ވެރިކަމުގައި އިރާގުގައި ސުންނީން އެކަހެރިކޮށް އެމީހުން ނިކަމެތިވާގޮތަށް ސިޔާސަތުތައް ބައްޓަންކޮށް މަޛްހަބީ ދެކޮޅުވެރިކަން އިތުރުވާގޮތަށް މާލިކީގެ ސަރުކާރުން ވޭތުވެ ދިޔަ ނުވަވަރަކަށް އަހަރު ތެރޭގައި ކަންތައްތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭނާ އަށް ތާއީދުކުރާ އީރާނާއި އެމެރިކާގެ އިތުރުން އިރާގުގެ ޝިޔައީ ލީޑަރުންވެސް ދެކެ އެވެ. އިރާގުގެ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އަދި އެންމެ ބާރުގަދަ ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންމެ ދަ ލެވެންޓް" (ދާޢިޝް)ގެ ހަނގުރާމަވެރިން ވަނީ އިރާގުގެ ސިފައިން ފަހަތަށް ޖެއްސުމަށް ފަހު އިރާގުގެ އުތުރާއި ހުޅަނގުގެ ބޮޑުސަރަހައްދެއް އަތްދަށުލައި އެސަރަހައްދުގައި އިސްލާމީ ޚިލާފަތުގެ ނަމުގައި ދައުލަތެއް އުފެއްދިކަން މިދިޔަ ހަފްތާގައި އިޢްލާންކޮށްފަ އެވެ.
މީގެ އިތުރުން އިރާގުގެ ކުރުދީން ވެސް ގެންދަނީ މިފުރްސަތުގެ ބޭނުން ހިފައިގެން އިރާގުގެ އުތުރުގެ ކުރުދިސްތާން ސަރަހައްދުގައި ކުރުދީންނަށް ޚާއްސަ މިނިވަން ދައުލަތެއް އިޢްލާން ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. މިހާލަތު މިގޮތުުގައި ކުރިޔަށްދާނަމަ އިރާގުގެގެ މަރުކަޒީ ސަރުކާރު ވެއްޓި އިރާގުގެ ދައުލަތް ރޫޅިގެންދިޔުމުގެ ފުރްސަތު އޮތީ ވަރަށްގާތުގައި ކަމަށް ޚުދު އެމެރިކާ ވެސް ދެކެ އެވެ. އަދި އިރާގުގެ ދައުލަތް ރޫޅިގެން ދިޔުމަށް ފަހު ދެން އުފަންވާނެ ކަަމަށް ބެލެވިފައި ވަނީ އިރާގުގެ އުތުރުގައި ކުރުދީ ދައުލަތަކާއި ހުޅަނގުގައި ސުންނީ ދައުލަތަކާ އަދި މެދުތެރެއާއި ދެކުނުގައި ޝިޔަޢީ ދައުލަތެކެވެ. މިބަދަލުތަކާ އެކު އެސަރަހައްދަށް ކުރިމަތިވެދާނެ ހެލުންގަނޑަކާއި ބިރުވެރި ކަންތައްގަނޑެއްގެ ނުރައްކާތެރިކަން އެމެރިކާގެ އިތުރުން އަވަށްޓެރި އީރާނާއި ތުރުކީއާއި ސައުދީ އަރަބިޔާވެސް އިޙްސާސް ކުރެ އެވެ.
އިރާގުގެ ޝިޔައީ ލީޑަރުންނާއި ސުންނީ ލީޑަރުންގެ ތެރެއިން ވެސް މާލިކީގެ ސަރުކާރުގައި މިހާރު ބައިވެރިވާ ލީޑަރުންނާ އެމެރިކާގެ އިތުރުން އިރާގުގެ އަވަށްޓެރި ދެގައުމު ކަމަށްވާ ސައޫދީ އަރަބިޔާއާއި އީރާނުން ވެސް ބޭނުން ވަނީ ސުންނީންނާއި ޝިޔައީ ލީޑަރުން ގުޅިގެން އިރާގަށް މިހާރު ކުރިމަތިވެފައިވާ ހަނގުރާމަވެރިންގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމަށްޓަކައި ވަތަނީ އެއްބައިވަންތަ ކަމުގެ ވަގުތީ ސަރުކާރެއް އުފެއްދުމަށެެވެ. މިފަދަ ސަރުކާރެއް އެކުލަވާލެވިއްޖެ ނަމަ އިރާގުގެ ސުންނީ ގަބީލާތަކުގެ ތާއީދު ސަރުކާރަށް ލިބި ހަރުކަށި ހަނގުރާމަވެރިންނާ ކުރިމަތިލުމަށް ސުންނީންގެ ތާއީދު ވެސް ލިބިގެންދާނެ ކަމަށްވަނީ ބެލިވިފަ އެވެ. އިރާގުގެ ސުންނީ ގަބީލާތަކުން "ދާޢިޝް" ފަދަ ހަރުކަށި ހަނގުރާމަވެރި ޖަމާއަތްތަކަށް ހަގީގަތުގައި ތާއީދު ނުކުރާ ކަމަށްވެ އެވެ.
ސުންނީ ބައެއް ގަބީލާތަކުން ދާޢިޝް އަށް ތާއީދު ކުރި ނަމަވެސް އެޖަމާއަތުން އިޢްލާންކޮށްފައިވާ "ޚިލާފަތުގެ ދައުލަތް" ސުންނީ ގަބީލާތަކުން ގަބޫލުކޮށް ފައެއްނުވެ އެވެ. އަދި ސުންނީންގެ ތެރެއިން "ދާޢިޝް" އަށް ތާއީދުކުރާބަޔަކު އެކަން ކުރަނީ ވެސް މާލިކީގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން ކަމަށް ސުންނީ ލީޑަރުން ވިދާޅުވެ އެެވެ.
އިރާގުގައި މީގެ ދެމަސްކުރިން ބޭއްވި އާންމު އިންތިޚާބަށް ފަހު އެގައުމުގައި އައު ސަރުކާރެއް އެކުލަވާލަން މިހާރު ވަނީ ޖެހިފަ އެވެ. މިއިންތިޚާބުގައި ޕާލަމެންޓްގެ ގޮނޑިތައް ސުންނީ އަދި ޝިޔަޢީ ޕާޓީތަކުގެ މެދުގައި ބެހިގެން ގޮސްފައިވާ އިރު މާލިކީގެ ޕާޓީ އަށް ލިބިފައި ވަނީ ޕާލަމެންޓްގެ 328 ގޮނޑީގެ ތެރެއިން 92 ގޮނޑި އެވެ. ނަމަވެސް މިއީ އެއްޕާޓީއަކަށް ލިބުނު އެންމެ ގިނަ ގޮނޑިކަމުން ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ ކަންތައް ހަވާލުކުރެވެންޖެހޭނީ އެގައުމުގެ ގާނޫނުތައް ބުނާގޮތުގެ މަތިން އެންމެ ގިނަ ގޮނޑި ލިބުނު މާލިކީގެ ޕާޓީއާ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. މިހެންވުމުން އިރާގުގައި ދެން އެކުލަވާލާ ސަރުކާރެއްގެ ބޮޑުވަޒީރަކަށް ވެސް ވެވަޑައިގަންނަ ވާނީ މިހާރުގެ ވެސް ބޮޑުވަޒީރު ނޫރީއަލްމާލިކީ އެވެ. މިހެން ވެއްޖެ ނަމަ އިރާގުގެ ދައުލަތް ރޫޅިގެން ދިޔުންއޮންނާނީ ވަރަށް ގާތުގައި ކަމަށް އިރާގުގެ ޝިޔައީ ލީޑަރުންނާއި ސުންނީ ލީޑަރުންގެ އިތުރުން އެމެރިކާއާއި އަވަށްޓެރި ދެގައުމު ކަމަށްވާ ސައޫދީ އަރަބިޔާއާއި އީރާނުން ވެސް ދެކެ އެވެ.
ނަމަވެސް އިރާގުގެ ޝިޔަޢީ ލީޑަރުންގެ ތާއީދާއި ޝިޔައީންގެ ފަހަތުގައިއޮންނަ އަވަށްޓެރި އީރާނުގެ ތާއީދު މާލިކީ ނޫން ޝިޔައީ އެހެން ލީޑަރަކަށް ދީފި ނަމަ މާލިކީއަށް ވެރިކަމުގައި ނުހުންނެވޭނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. އީރާނުގެ ބައެއް މަސްއޫލުވެރިން ވަނީ އެގައުމުގެ ތާއީދު މާލިކީ ނޫން ޝިޔައީ އެހެން ލީޑަރަކަށް ދޭންޖެހިދާނެ ކަމުގެ އިންޒާރު ނުސީދާ ގޮތެއްގައި މާލިކީ އަށް ދެއްވާފަ އެވެ. މާލިކީ އަކީ އިރާގުގެ ޝިޔައީންގެ ތާއީދުވެސް މިހާރު ގެއްލިފައިވާ ލީޑަރެއް ކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)