ފީފާ ވޯލްޑްކަޕްގެ ސެމީފައިނަލަށް ގޮސްފައިވާ ބްރެޒިލްގެ ތަރި ނޭމާއަށް ރޭގެ މެޗުގައި ލިބުނު ބޮޑު އަނިޔާގެ ސަބަބުން ބްރެޒިލްގެ ރައްޔިތުންގެ އުފާވެރިކަމަށް ހުރަސް އެޅިއްޖެ އެވެ. ފުން ހިތާމައާއި ރުޅިވެރިކަމެއްގެ ތެރެއަށް އެގައުމު ވެއްޓުނީ ނޭމާގެ މައިބަދައަށް ލިބުނު ގެއްލުމާ ގުޅިގެން މި ވޯލްޑްކަޕްގައި ދެން އޭނާ އަށް ނުކުޅެވޭނެކަން އެނގުމުންނެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާރް ބުނި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ޖަރުމަނާ ދެކޮޅަށް އަންގާރަ ދުވަހު ކުޅޭ ސެމީ ފައިނަލްގައި ނޭމާ އަށް ނުކުޅެވޭނެ ކަމަށެވެ.

"އޭނާ ހުންނާނީ ކުޅެވޭ ހާލަތެއްގައެއް ނޫން. އޭނާ ފިޓްވާން މަދު ހަފުތާތަކެއް ހޭދަވާނެ،" ލަސް މާރް ބުނި ކަމަށް އޭޕީ ބުންޏެވެ.

ކޮލަމްބިއާގެ މައްޗަށް ރޭ ބްރެޒިލް ހޯދި 2-1 ގެ ކާމިޔާބީގެ ބަދަލުގައި އެގައުމުގެ ބޮޑެތި ނޫސްތަކުގައި ސުރުހީއަކަށް ޖަހާފައި ވަނީ "ނޭމާގެ މައިބަދައިގައި ރެނދުލައި މުބާރާތާ ވަކި ވެއްޖެ" މި ސުރުހީ އެވެ.

ނޭމާ އަށް ލިބުނު ގެއްލުމާ އެކު ހަވަނަ ވޯލްޑްކަޕް އުފުލާލައި ރެކޯޑް ގާއިމް ކުރުމުގެ އިތުރުން އަމިއްލަ ބިމުގައި ތަށި އުފުލާ ލުމަށް ބްރެޒިލް ކުރަމުން އައި އުއްމީދަށް ވަނީ ހުރަސް އެޅިފަ އެވެ.

ނޭމާގެ މައިބަދައަށް ގެއްލުންވީ ކޮލަމްބިއާގެ ޑިފެންޑަރު ޔުއާން ޒުނިގާގެ ކަކުލުން ޖެހިގެންނެވެ. ބްރެޒިލް ސެމީ ފައިނަލަށް ދިޔަ ހިލޭ ޖެހުން ލިބުނީ ޒުނިގާގެ އެ ފައުލްގެ ސަބަބުންނެވެ.

ނޭމާ އަށް ލިބުނު އަނިޔާއާ ގުޅިގެން ހިތާމަ ފާޅުކުރަނީ ހަމައެކަނި ބްރެޒިލް ރައްޔިތުންނެއް ނޫނެވެ. ބާސެލޯނާގައި އޭނާއާ އެކު ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ވެސް ވަނީ އެކަމާ ހިތާމަ ފާޅުކޮށްފަ އެވެ. އަދި އޭނާ އަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ޓްވިޓާގައި މެސީ ބުނެފައިވެ އެވެ. އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރެޑޯނާ ވެސް ވަނީ ނޭމާ އަށް ލިބުނު ގެއްލުމާ މެދު ހިތާމަ ފާޅުކޮށްފަ އެވެ.

"އެކަމާ ކަންބޮޑު ވަނީ ހަމަ އެކަނި ބްރެޒިލް މީހުންނެއް ނޫން. ފުޓްބޯޅައަށް ލޯބިކުރާ އަހަރެމެން އެންމެން. މިއީ އޭނާގެ ގައުމުގައި އޮތް އޭނާގެ ވޯލްޑްކަޕް. އޭނާގެ ބޮޑެތި އުއްމީދުތަކެއް އެބަހުރި،" ވެނެޒުއޭލާގެ ޓެލެސޫރް ޓީވީއަށް ދިން އިންޓަވިއުއްގައި މެރަޑޯނާ ބުނި ކަމަށް ރޮއިޓާސް ބުންޏެވެ.

ނޭމާ އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއާއި ގައުމީ ޓީމަށް ޓަކައި ބްރެޒިލް ރައްޔިތުން އަތު ގުޅައި ލުމަށް ބްރެޒިލްގެ ރައީސް ޑިލްމާ ރޮސެފް ވަނީ ޓްވިޓާގައި ގޮވައިލައްވާފަ އެވެ.