ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އުރުގުއާއީ ކުޅުނު ފަހު މެޗުގައި އިޓަލީގެ ކުޅުންތެރިއެއްގެ ގައިގައި ދަތް އެޅި މައްސަލަ ހަތަރު މަހަށް ސަސްޕެންޑްކުރި ލުއިސް ސުއަރޭޒް އަށް އެ މުއްދަތުގެ ތެރޭގައި ގައުމީ ޓީމު އަދި ކްލަބުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިނުވެވޭނެ ކަމަށް ފީފާ އިން ބުނެފި އެވެ.

ފީފާ އިން މިހެން ބުނެފައިވާ އިރު، ދާދި ފަހުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ އިސްވެރިޔާ ކްލައުޑިއޯ ސުލްސާ ވިދާޅުވި ގޮތުގައި، ސުއަރޭޒް އަށް ފަރިތަކުރުންތަކުގައި ބައިވެރިވެވެން ޖެހޭ ކަމަށެވެ.

ފީފާގެ ތަރުޖަމާނެއް ބުނީ، ސުލްސާގެ ވާހަކަތައް ރަނގަޅު ނޫން ކަމަށާއި ސުއަރޭޒް އަށް އުރުގުއާއީ ގައުމީ ޓީމު އަދި ލިވަޕޫލްގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

"އެ ވާހަކަތައް ރަނގަޅެއް ނޫން،" ފީފާގެ ތަރުޖަމާނެއް ބުންޏެވެ. "ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ނިންމުމަކީ ފަރިތަކުރުންތަކުގައި ވެސް ބައިވެރި ނުވެވޭ ގޮތަށް ނިންމުން. އޭނާ އަށް ކްލަބު އަދި ގައުމީ ޓީމުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ."

ދަތް އެޅި މައްސަލައިގައި ފީފާ އިން ސުއަރޭޒްގެ މައްޗަށް ކުރި ހަތަރު މަހުގެ ސަސްޕެންޝަންގައި އޭނާ އަށް އެއްވެސް ސްޓޭޑިއަމް އަކަށް ވެސް ނުވަދެވޭނެ އެވެ. އަދި 111853 ޑޮލަރު ދެއްކުމަށް ފީފާ އިން ވަނީ ސުއަރޭޒްގެ މައްޗަށް އަމުރުކޮށްފަ އެވެ.