05 Jul 2014, 10:20
ގާހިރާ (ޖުލައި 5) : އަސްކަރީ އިންގިލާބެއްގައި މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރްސީ މަގާމުން ދުރުކުރިތާ އެއްއަހަރު ފުރުމާ ގުޅިގެން މުޒާހަރާ ކުރަމުންގެންދާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރައިފި އެވެ.
މިސްރުގެ އަމަނާބެހޭ ދާއިރާތައް ބުނާ ގޮތުން މީގެ ތެރެއިން ތިން މީހުން މަރުވެފައި ވަނީ ގާހިރާއާ ޖެހިގެން އޮންނަ ޖީޒާގައި މުޒާހަރާ ކުރި ޑރ. މުރުސީގެ ސަޕޯޓަރުންނާއި މިސްރުގެ ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ކުރިމަތިލުމެއްގަ އެވެ. އަނެއްމީހާ މަރުވެފައި ވަނީ ގާހިރާގައި އިއްޔެ ކުރިޔަށް ދިޔަ މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ކަރުނަގޭހާއި ލަޓިބުރި ފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުންނެވެ. މުރުސީ ވެރިކަމުންދުރުކުރި އަސްކަރީ އިންގިލާބާ ދެކޮޅަށް އެތައްހާސްބަޔަކު މިސްރުގެ ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުންގެންދާ އިރު އެމީހުން ގޮވާލަމުން ގެންދަނީ މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ އިސްތިއުފާ ދެއްވުމަށެވެ.
މިސްރުގެ ވެރިކަމުގައި މިހާރު ހުންނެވި އަބްދުލްފައްތާޙް އައްސީސީ އިސްކޮށް ހުންނަވައިގެން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު މިސްރު ސިފައިން ގެނައި އަސްކަރީ އިންގިލާބުގައި ޑރ. މުރުސީ މަގާމުން ދުރުކުރުމަށް ފަހު މުރުސީ އާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސް ލީޑަރުންތައް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހައްޔަރުކުރި އިޚްވާނުންގެ ލީޑަރުންގެ ތެރެއިން ގިނަ ބަޔަކު މެރުމަށް ވެސް މިސްރުގެ ކޯޓުތަކުން ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް އިންގިލާބީ ސަރުކާރުން ބާރުގެ ބޭނުންކޮށް މިސްރުގެ ތިންހާހެއްހާ މީހުން މިދިޔަ އަހަރު މަރާލާފައިވާ މައްސަލާގައި ޒިންމާ އުފުލަން ޖެހޭ މިސްރުގެ އެއްވެސް މަސްއޫލުވެރިއެއްގެ މައްޗަށް ތަހްގީގެއް ހިންގާފައެއް ނުވެ އެވެ.
މީގެއިތުރުން ޑރ. މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިސްލާމީ ސިޔާސީ ފިކުރުގެ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވެސް މިސްރުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.
މުރުސީ ވެރިކަމުން ދުރުކުރިތާ އެއްއަހަރު ފުރުމާ ގުޅިގެން މިސްރުގެ އެކި ކަންކޮޅުތަކުގައި އަސްކަރީ އިންގިލާބާ ދެކޮޅަށް މުޒާހަރާތައް ކުރަމުންގެންދާ އިރު މީގެ ތެރެއިން 250 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް މިސްރުގެ ދާޚިލީ ވުޒާރާއިން ބުނެ އެވެ. (އަލްޖަޒީރާ)