05 Jul 2014, 04:09
ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ބްރެޒިލް އަށް ޑިފެންޑަރު ތިއާގޯ ސިލްވާ އާއި ޑޭވިޑް ލުއިޒް ކާމިޔާބުކޮށްދިން ލަނޑުތަކުން ކޮލަމްބިއާ އަތުން މޮޅުވެ، ބްރެޒިލް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އަމިއްލަ ގައުމުގެ ފޯޓަލޭޒާ ސިޓީގެ އެސްޓޭޑިއޯ ކަސްޓަލާއޯގައި މިރޭ ކުޅުނު މެޗުން ބްރެޒިލް މޮޅުވީ 2-1 ލަނޑުންނެވެ. މެޗަށް ނުކުތް އިރު، ބްރެޒިލްގެ ފުރަތަމަ އެގާރައިން ބޮޑު ބަދަލެއް ފެނިގެންދިޔަ އެވެ. ޑެނީ އަލްވޭސްގެ ބަދަލުގައި މި މެޗުގައި ބްރެޒިލްގެ ރައިޓް ބެކް މަގާމުން ފެނިގެން ދިޔައީ މައިކޮން އެވެ.
މެޗުގައި ބްރެޒިލް އަށް ހަތްވަނަ މިނެޓްގައި ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ އެވެ. ނޭމާ ނަގައިދިން ކޯނަރުން ކޮލަމްބިއާ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ، ތިއާގޯ ސިލްވާ ވަނީ ގޯލުގެ ތެރެއަށް އެ ބޯޅަ ވައްދާލައި، ބްރެޒިލްގެ ސަޕޯޓަރުންނަށް މޫނުމަތިން ހިނިތުންވުން ގެނެސްދީފައެވެ.
އެ ލަނޑަށް ފަހު ވެސް، ފުރަތަމަ ހަފުގައި ބްރެޒިލްގެ ފަރާތުން ފެނިގެންދިޔައީ ޕްރެސްކޮށް، ފުރުސަތުތަކެއް ހޯދަމުން ދިޔަ ތަނެވެ. އެގޮތުން ކޮލަމްބިއާ ޕެނަލްޓީ އޭރިޔާ ތެރެއިން ހަލްކަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ހަލްކު ފޮނުވާލި އެ ހަމަލާގެ ހުރަހަކަށް ވީ ކޮލަމްބިއާގެ ގޯލްކީޕަރު ޑޭވިޑް އޮސްޕިނާ އެވެ.
މެޗުގެ ދެވަނަ ހާފުގައި ކޮލަމްބިއާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އެވެ. ނަމަވެސް އެ ޓީމުން ރަނގަޅަށް ކުޅެމުން ދަނިކޮށް ބްރެޒިލުން އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކުރި އެވެ. މެޗުގެ 69 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ބްރެޒިލް އަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޑޭވިޑް ލުއިޒް އެވެ. މިއީ މި މުބާރާތުގައި އަދި ބްރެޒިލަށް ވެސް ލުއިޒް ކާމިޔާބުކުރި ދެ ވަނަ ލަނޑެވެ.
މެޗުގައި ކޮލަމްބިއާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. ބްރެޒިލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކާލޮސް ބާކާއަށް ގޯލްކީޕަރު ހޫލިއޯ ސެސާ ކުރި ފައުލާއި ގުޅިގެން ރެފްރީގެ ނިންމުމަކަށް ވެގެންދިޔައީ ކޮލަމްބިއާ އަށް ޕެނަލްޓީ އެއް ދިނުމެވެ. މެޗުގެ 80 ވަނަ މިނެޓްގައި ކޮލަމްބިއާއަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުބާރާތުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ޖޭމްސް ރޮޑްރިގޭޒެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަ ވަނަ ލަނޑެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ބްރެޒިލް ނުކުންނަން ޖެހޭނީ ޖަރުމަނާ ދެކޮޅަށެވެ. އެސްޓޭޑިއޯ މިނޭރާއޯގައި ކުޅޭ މި މެޗަށް ބްރެޒިލް ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 1:00 ގައެވެ.