ގދ. ތިނަދޫ ޖަންގަލީގައި ރޯކޮށްލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ 9:30 އެހައިކަށްހާއިރު ކަމަށާއި އެރަށު ކުނިކޮށްޓާ ދިމާލު ޖަންގަލީގައި ރޯކޮށްލުމުން އަލިފާނުގެ އަސަރު ކުނިކޮށްޓަށް ވެސް ކޮށްފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގިތާ ގިނައިރުތަކެއް ނުވެ ފުލުހުންނާއި ސިފައިން ގުޅިގެން އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އެ ހާދިސާގައި ޖަންގަލީގައި ހުރި ބައެއް ކަށިކެޔޮ ގަސްތައް ވަރަށް ބޮޑަށް އަނދާފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.