04 Jul 2014, 23:54
މިއަދު އިރުއޮއްސުމުގެ ކުރިން ފ. ނިލަންދޫ މިސްކިތެއްގެ މުދިމަކަށް އޮޅިގެން މަޣުރިބު ނަމާދަށް ބަންގި ގޮވުމުން، އެ ރަށުން ރޯދަ ވީއްލި މީހުން އަލުން ރޯދަ ގަޟާކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު އެދިވަޑައިގެންފި އެވެ.
~
ފ. ނިލަންދޫ ވަޚްދާ މިސްކިތުގެ މުދިމު، އިސްމާއިލް މުހައްމަދަށް އޮޅިގެން މިއަދު މަޣުރިބަށް ބަންގި ގޮވުނީ އިރުއޮއްސުމުގެ ފަސް މިނިޓް ކުރިން 6:19 ގަ އެވެ. އެ ރަށަށް އިރުއޮއްސެނީ މާލެ އަށް އިރު އޮއްސޭތާ އެއް މިނެޓް ފަހުން 6:24 ގަ އެވެ.
ފ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުލް ހަމީދު މުހައްމަދު "ސަން"އަށް މިރޭ ވިދާޅުވީ ނިލަންދޫ ވަހްދާ މިސްކިތުގެ މުދިމަށް އޮޅިގެން ބަންގި ގޮވުމުން އެ ރަށުގެ ބަޔަކު ރޯދަ ވީއްލި ކަމަށެވެ. ނަމަވެސް އެ މިސްކިތް ފިޔަވައި ރަށުގައި ހުންނަ އަނެއް ތިން މިސްކިތުން ބަންގި ގޮވީ މަޣުރިބު ވަގުތު ޖެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިރުއޮއްސުމުގެ ކުރިން ނިލަންދޫ ބަޔަކު ރޯދަ ވީއްލުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު "ސަން"އަށް މިރޭ ވިދާޅުވީ މަޣުރިބް ވަގުތު ޖެހުމުގެ ކުރިން ރޯދަ ވީއްލި މީހުން އަލުން ރޯދަ ހިފުމަކީ ވާޖިބެއް ކަމަށެވެ. އަދި އެއީ ޖުމްހޫރު ދަންނަ ބޭލަކުންގެ ރައުޔު ކަމަށާއި އޭގެ ތެރޭގައި ހަތަރު މަޒުހަބުގެ ހަތަރު އިމާމުން ވެސް އެއްބަސްވެވަޑައިގަންނަވަނީ އެފަދަ ހާލަތެއްގައި އަލުން ރޯދަ ގަޟާކުރުމަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނަސޭހަތަކީ އެގޮތަށް ރޯދަ ވީއްލުނު އެންމެން ފަހުން ރޯދަ ހިފުމަށް. މިއީ އެހާ ދަތިކަމެއް ނޫން. ފަސޭހަ ކަމެއް. އިސްލާމް ދީނަކީ މީސްތަނުންނަށް ފަސޭހަ ގޮތް ލައްވަވާފައިވާ ދީން،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ކުރިން 2010 ވަނަ އަހަރުގައި ހދ. މަކުނުދޫގައި ވެސް އިރުއޮސުމުގެ ކުރިން އޮޅިގެން އިމާމަކަށް މަޣުރިބަށް ބަންގިގޮވުމުން އެ ރަށުގެ ގިނަ ބަޔަކު ވަނީ ރޯދަ ވީއްލާފަ އެވެ. އެފަހަރު އިސްލާމިކް މިނިސްޓްރީން މަކުނުދޫ ކައުންސިލަށް އަންގާފައި ވަނީ އޮޅިގެން ރޯދަ ވީއްލުނު އެންމެން އެ ރޯދަ ގަޟާކުރުމަށެވެ.