ލޯކަލް ގަވަމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައަޅާފައިނުވާތީ އައްޑޫ ސިޓީ ކައުންސިލް ހެދުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި ހުކުމް ކޮށްފި އެވެ.

ގައުމީ ޕާޓީގެ ޑިޕިއުޓީ ލިޑަރު އިމާދު ސޯލިހާއި ސ. ފޭދޫ ޑޭލައިޓް އަބްދުލް ހަކީމް އަހުމަދު ދީދީ ހުށަހެޅި މައްސަލަ ބެއްލެވުމަށް ފަހު ސިވިލް ކޯޓުގެ ގާޒީ ހާތިފު ހިލްމީ މިއަދު އިއްވެވި ހުކުމުގައި ބުނަނީ ސިޓީ ދަރަޖަ ދިނުމަށް ބަލާނެ ޝަރުތުތަކުގެ ތެރޭގައި އެ ސަރަހައްދެއްގެ އުފެއްދުންތެރިކަމުގެ ޖުމްލަ ނިސްބަތް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ކަނޑައަޅައި ޝާއިއުކޮށްފައިވާ މިންވަރަށް ވުރެ އިތުރުވުން ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އަދި ބުނެފައި ވަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ކަނޑައަަޅާ ހިދުމަތްތަކެއް އެ ރަށަކުން ނުވަތަ އެ ސަރަހައްދަކުން ލިބެން ހުންނަންވާނެ ކަމަށް ވެސް ޝަރުތުތަކުގެ ތެރޭގައި ބުނާ ކަމަށެވެ. އެހެން ކަމުން ޝަރުތުތައް ފުރިހަމަ ކުރެވޭނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ ހިދުމަތްތަކާއި އުފެއްދުންތެރިކަމުގެ މިންގަނޑެއް ކަނޑަ އެޅިފައި އޮވެގެން ކަމަށެވެ. ނަމަވެސް އެފަދަ މިންގަނޑެއް އެ އޮތޯރިޓީން ކަނޑައަޅާފައި ނުވާތީ ގާނޫނުގައި ބުނާ ފަދައިން ސިޓީގެ ދަރަޖަ ދެވެން ނެތް ހާލަތުގައި ރައީސުލް ޖުމްހޫރިއްޔާއަށް އައްޑޫ ސިޓީ ކައުންސިލް އުފެއްދެން ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި ރައީސް އޮފީހުން އޮކުޓޫބަރު 19، 2010 ގައި ނެރެފައިވާ ދެންނެވުމުގައި ބަޔާންކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލަކީ ބާތިލު ނުކުތާއެއް ކަމަށް ކަނޑައަޅައި ހުކުމްކުރެއްވީ ކަމަށެވެ.

އިމާދު ސޯލިހު އަމިއްލަފުޅަށް ކޯޓުގައި ވަކާލާތު ކުރައްވައި ކާމިޔާބު ކުރެއްވި މައްސަލައިގައި އޭނާ ދައުވާ ކުރައްވާފައި ވަނީ ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑު ނުވަތަ ޝަރުތު ފުރިހަމަ ނުވަނީ އައްޑޫ ސިޓީ ކައުންސިލް އުފެއްދުމުގެ ބާރު ރައީސްލް ޖުމްހޫރިއްޔާއަށް ލިބެގެން ނުވާ ކަމަށާއި ރައީސް އޮފީހުން ނެރުނު ސިޓީ ކައުންސިލް އުފެއްދުމުގެ ދެންނެވުމުން އައްޑޫ ސިޓީ ކައުންސިލް ބާތިލު ކޮށްދެއްވުމަށެވެ.