04 Jul 2014, 22:59
ކުއާޓާ ފައިނަލްގައި މިރޭ ވޯލްޑް ކަޕް 2014ގެ ސެމީފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.
ރިއޯ ޑި ޖެނެއިރޯގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ކުއާޓާ ފައިނަލްމެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނިޓުގައި ޖަރުމަނަށް ލަނޑުޖަހައި މެޗުގެ ކުރި ހޯދައިދިނީ، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ޑިފެންޑަރު މެޓްސް ހަމެލްސްއެވެ. ޓޯނީ ކްރޫސް ފްރާންސް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޖަރުމަނުގެ ސެންޓަބެކް ބޮލުން ޖަހައި ގޯލް ތެރެއަށް ވައްދާލީ ފްރާންސްގެ ގޯލްގެ ހުރަސްދަނޑީގެ ތީރީގައި ޖައްސާލާފައެވެ.
މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާޓުގެ ކުއާޓާ ފައިނަލުން ވިދިވިދިގެން ޖަރުމަނު ޖާގަ ހޯދި ހަތަރުވަނަ ފަހަރެވެ.
ޖަރުމަނުގެ ގޯލް ކީޕަރު މެނުއަލް ނޮޔާ ވަނީ، މެޗުގައި ފްރާންސްގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހާފު ނިމެނިކޮށް ފްރާންސްގެ މެތިއު ވަލްބުއެނާ ފޮނުވާލި ބާރު ހަމަލާއާއި މެޗުގެ ފަހު ވަގުތުގައި ކަރިމް ބެންޒެމާ ފޮނުވާލި ނުރައްކާތެރި ހަމަލާ ފާހަގަކޮށްލެވެއެވެ.
ހަތަރު ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އުންމީދުގައި ޖަރުމަނުން ކުރާ ދަތުރުގެ ސެމީ ފައިނަލުގައި އެޓީމު ވާދަކުރަން ޖެހޭނީ، މިރޭ ދަންވަރު ރާއްޖޭ ގަޑިން 1:00ގައި ކުޅޭ ކުއާޓާ ފައިނަލް މެޗުގައި މުބާރާތް ބާއްވާ ގައުމު އަދި ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ ބްރެޒިލާއި ކޮލަމްބިޔާ ވާދަކޮށް މޮޅުވާ ޓީމަކާއެވެ.
ޖަރުމަނާއި ފްރާންސްގެ ކުރިމަތިލުންތަކުގައި މީގެ ކުރިން ފްރާންސް ގިނަ މެޗުތައް ކާމިޔާބުކުރި ނަމަވެސް މިފަހަކަށް އައިސް ޖަރުމަނު ޓީމުން ދަނީ ފްރާންސްގެ މައްޗަށް ކުރި ހޯދަމުންނެވެ. މި ދެޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކީ، 1982 ވަނަ އަހަރު ސްޕެއިންގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީފައިނަލް މެޗެވެ. ފޯރިގަދަ އަދި ހޫނުވެގެން ދިޔަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 3-3 އިން އެއްވަރުވި މެޗު ޖަރުމަނުން ކާމިޔާބުކުރީ ޕެންލަޓީ ޖަހައިގެންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ފްރާންސްގެ ޒުވާން ކުޅުންތެރިންގެ ޓީމުން ފެނިގެން ދިޔަ "އެޓޭކިން" ގޭމް މިރޭގެ މެޗުގައި ފެނިގެން ގޮސްފައި ނުވާއިރު، ޖަރުމަނު ޓީމުން ބޭނުން ކުރީ، ދެވަނަ ބުރުގައި އަލްޖީރިއާ އަތުން މޮޅުވި މެޗުގައި ބޭނުންކުރި ގޭމްސް ސްޓައިލެވެ. އެގޮތުން ކޯޗް ޔަކިމް ލޯގެ ޓީމު ރާވާލާފައި ވަނީ ފްރާންސް ޓީމަށް މެޗުގައި ރަނގަޅަށް ކުޅުމުގެ ފުރުސަތު ހަނިކޮށް ވަރުގަދަ އެޓޭކިން ގޭމެއް ކުޅުމަށެވެ.
މިރޭގެ މެޗަަށް ނުކުތްއިރު ޑިޑިއާ ޑިޝެމްޕްސްގެ ފްރާންސް އެންމެ ފަހުން ކުޅުނު 20 މެޗުގެ ތެރެއިން 19 މެޗުގައި އެޓީމު ކޮޅަށް ފުރަތަމަ ހާފުގައި ލަނޑެއް ވަދެފައެއް ނުވެއެވެ. އޭގެ ތެރޭގައި މިފަހަރުގެ ވޯލްޑް ކަޕްގައި އެޓީމު ކުޅުނު 4 މެޗުވެސް ހިމެނެއެވެ.
ހަމަ އެހެންމެ މިއަދަކީ މީގެ 60 އަހަރު ކުރިން ޖަރުމަނު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލައިލި ދުވަހެވެ. 1954 ވަނަ އަހަރު ސްވިޒަލޭންޑްގައި ބޭއްވި ވޯލްޑް ކަޕް ޖަރުމަނު ކާމިޔާބުކުރީ 3-2 އިން ހަންގޭރީ ބަލިކުރުމަށް ފަހުއެވެ.