04 Jul 2014, 22:44
ޞަޙީޙު ބުޚާރީގެ ރިވާޔަތެއްގައިވެއެވެ. އަރަހުށި މާތްﷲ އަންގަވައިފައިވެއެވެ. "ޤިޔާމަތް ދުވަހުން ތިންމީހެއްގެ މައްޗަށް ދަޢުވާ ކުރައްވާ ފަރާތެއްކަމުގައި ތިމަންރަސްކަލާނގެ ވެވޮޑިގަންނަވާ ހުށީމެވެ. އޭގެތެރެއިން އެކަކީ އުޖޫރަޔަށް މީހަކު މަސައްކަތުގެނެސް އެމީހެއްގެ ބޭނުންފުރިހަމަޔަށް ހިފުމަށްފަހު އޭނާގެ މަސައްކަތް ނިމުމުން އުޖޫރަ ނުދޭ މީހާއެވެ."
ހަމައެފަދައިން އިބްނު މާޖާގައި ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެފައިވެއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. "އެމީހަކު ލައްވައި އުޖޫރަޔަށް މަސައްކަތްކުރުވި މީހާއަށް އޭނާގެ ގައިން ހިއްލާދާ އޮބުމުގެ ކުރިން އުޖޫރަދޭށެވެ."
މިދުނިޔޭގައި އެކަކު އަނެއްކަކު ލައްވައި މަަސައްކަތް ކުރުވުމަކީ ވަރަށް ޢާއްމު ކަމެކެވެ. އެހެންކަމުން އިސްލާމްދީން އަމުރުކުރަނީ އެމީހަކު ލައްވައި ކުރުވި މަސައްކަތަކަށް ހަމައަގު ދިނުމަށެވެ. މަސައްކަތް ނިމުމާއެކު ލަސްނުކޮށް އަގުދީ ނިންމައިލުމަށެވެ. މީހަކު ލައްވައި މަސައްކަތެއް ކުރުވުމަށްފަހު އަގުނުދީ ލަސްކޮށް މާދަން، މާދަން ކިޔަމުން ގެންދިޔުމަކީ އިންސާނިއްޔަތާ ވަރަށްބޮޑަށް ޚިލާފުކަމެކެވެ. އިސްލާމްދީން މިބާވަތުގެ ދަށުދަރަޖައިގެ އަމަލުތައް ވަރަށް ވަރުގަދަޔަށް މަނާކުރެއެވެ.
މަސައްކަތް ކުރުވާމީހާގެ ބޭނުމަކީ އެމީހާގެ މަސައްކަތް އަވަހަށް ނިންމުންކަމުގައިވާ ފަދައިން މަސައްކަތް ކުރާ މީހާގެ ބޭނުމަކީ އޭނާގެ މަސައްކަތަށް ވަގުތުން އަގު ލިބުމެވެ. ދެފަރާތުންވެސް ބޭނުންވާނީ އެއްފަރާތެއްގެ މުހުތާދު ލަސްނުވެފުދުމެވެ. މަސައްކަތް ކުރާމީހާގެ މަސައްކަތް ނިންމުމުން މަސައްކަތް ކުރުވި މީހާގެ މައްޗަށް ލާޒިމުވެގެންވަނީ އެއްވެސް ބަހަނާއެއް ދެއްކުމެއްނެތި އަގުދީ ނިންމުމެވެ. ކަނޑައެޅިފައިވާ އުޖޫރަދިނުމުގައި މަސައްކަތް ކުރިމީހާއަށް އެއްވެސް ކަހަލަ ޝަކުވާއަކަށް ޖާގަނުދިނުމެވެ.
ކަމެއްކުރުވާއިރު ކަނޑައެޅިފައިވާ ވަކި އުޖޫރަޔަކަށް ދެފަރާތުން އެއްބަސްވެފައި ނުވިޔަސް އިސްލާމްދީން ބާރުއަޅަނީ މީހެއްގެ ފަރާތުން ލިބިގަންނަ ކޮންމެ ޚިދުމަތަކަށް ފުރިހަމަޔަށް ބަދަލުދިނުމަށެވެ. މާއްދީ ބަދަލުދޭން ނުޖެހޭ ކަހަލަ ކަމެއްކަމުގައިވާނަމަ އެންމެ ކުޑަމިނުން އެކަމަކަށް ޝުކުރު އަދާކުރުމެވެ. ޝުކުރުރިއްޔާއެވެ ބުނެލުމެވެ. އަނެކާގެ ޚިދުމަތަށް ތަނަވަސް ހިތަކުން އިޢުތިރާފުވުމެވެ. މީހުންގެ ކުރިމަތީގައި ހެޔޮބަސްތަކުން އެކަން ފާހަގަކުރުމެވެ. އެމީހެއްގެ ޙައްޤުގައި މާތްﷲ ގެ ޙަޟުރަތަށް ހެޔޮދުޢާކުރުމެވެ.
މަސައްކަތުގެ އަގު ވަގުތުން އަދާކުރަމުން ގެނދިޔުމަކީ މުޖުތަމަޢުގައި އެއްފަރާތުން އަނެއް ފަރާތަށް އިތުބާރު އުފެދޭނެ ކަމެކެވެ. މިއާ ޚިލާފުގޮތަކަށް ޢަމަލުކުރާނަމަ އޭގެ ނަތީޖާއަކަށްވާނީ މުޅި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިތުބާރުނުކުރެވޭ ގޮތްވުމެވެ. އެކަކު އަނެކަކާމެދު ކުށްހީތައް އުފެދޭގޮތްވުމެވެ. މުޖުތަމަޢުގައި އެކަކު އަނެކަކަށް އިތުބާރުނުކުރެވުމާއި އެކަކު އަނެކަކަށް ޝައްކު ކުރެވޭގޮތް ވުމަކީ އެމުޖުތަމަޢެއްގެ އަޚުލާޤީ ޞިއްޙަތަށް ކުރިމަތިވާ ވަރަށްބޮޑު ނުރައްކަލެކެވެ.