04 Jul 2014, 14:40
ހާލުގައި ޖެހިފައިވަނިކޮށް މިދިޔަ މަހުގެ ކުރީކޮޅު ފުލުހުން ސަލާމަތް ކުރި އީރާނުގެ މަސް ބޯޓުގެ ފަޅުވެރިންނަށް ކާން ނުލިބިގެން، އެ ބޯޓުގެ ބައެއް ފަޅުވެރިން ފަތާފައި ތ. މަޑިފުއްޓަށް އިއްޔެ އަރައިފި އެވެ.
ދެ މަސް ދުވަސް ވަންދެން ކަނޑުމަތީގައި ހާލުގައި ޖެހިފައިވަނިކޮށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ފުލުހުން ސަލާމަތް ކުރި އީރާނުގެ މަސް ބޯޓު އަޅާފައި އޮންނަނީ ތ. މަޑިފުށީ ކައިރީގައި އޮންނަ ވިލެއްގަ އެވެ. މަޑިފުށީ ބަނދަރަށް އެ ބޯޓު ވެއްދުން ވަނީ މަނާކޮށްފަ އެވެ. އަދި އެ ބޯޓުގެ މީހުން އެ ރަށަށް އެރުން ފުލުހުން މަނާކޮށްފައިވާ ކަމަށް މަޑިފުށީ ކައުންސިލުން ބުންޏެވެ.

ހާލުގައި ޖެހިފައި ވަނިކޮށް ފުލުހުން ސަލާމަތް ކުރި އީރާނުގެ މަސް ބޯޓް-- ސަން ފޮޓޯ
މަޑިފުށީ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް މިއަދު "ސަން"އަށް ވިދާޅުވީ އެކަށީގެންވާ ވަރަށް ކާބޯތަކެތި ފުލުހުން ފޯރުނުކޮށްދޭ ކަަމަށް ބުނެ، އެ ބޯޓުގެ ހަތަރު ފަޅުވެރިޔަކު އިއްޔެ ފަތާފައި އެ ރަށަށް އަރައި، އެހީއަށް އެދުނު ކަމަށެވެ. ރަށުގެ ރައްޔިތުންނާއި ކައުންސިލުން އެހީތެރިކަމާއެކު އީރާނު ބޯޓަށް ޕިކަޕެއް ފުރައި ކާބޯތަކެތި އިއްޔެ ފޯރުކޮށްދީފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މީހުންނަށް އެހީގެ ގޮތުގައި ދީފައި ވަނީ ހަނޑުލާއި ހަކުރާއި ފުށާއި ޕާނާއި ކަރާގެ އިތުރުން މަސްދަޅެވެ. އީރާނުގެ މަސް ބޯޓުގައި ތިބި ފަޅުވެރިން މި ރަމަޟާން މަހު ރޯދަ ނުހިފާ ކަމަށާއި އެ މީހުން ރޯދަ ނުހިފަނީ އެކަށީގެންވާ ވަރަށް ކާބޯތަކެތި ނެތުމުން ކަމަށް ފަޅުވެރިންނާ ހަވާލާދީ މަޑިފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"އީރާނު ބޯޓުގައި ތިބެނީ މުސްލިމުން ކަމަށްވަނީ. އެ މީހުން އަދި ރޯދައެއް ނުހިފާ. ރޯދަ ނުހިފަނީ ކާން އެކަށީގެންވާ ވަރަށް ކާން ނުލިބިގެން ކަމަށް ބުނަނީ. ކައުންސިލުން ފޯރުކޮށްދިން ކާބޯތަކެއްޗާއެކު ދެން ރޯދަ ހިފާނެ ކަމަށް އެ މީހުން ބުނީ،" މަޑިފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އީރާނު ބޯޓުގެ މީހުންނަށް އެކަށީގެންވާ ވަރަށް ކާން ނުލިބޭ މަޑިފުށީ ކައުންސިލުން ބުނި ވާހަކަ ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އީރާނު ބޯޓުގެ މީހުންނަށް ކާބޯތަކެތި ބަރާބަރަށް ފޯރުކޮށްދެމުންދާ ކަމަށެވެ.